އެލްޖީއޭ ބޯޑުގެ މަދަނީ ޖަމްޢިއްޔާތަކުގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

އެލްޖީއޭ ބޯޑުގެ މަދަނީ ޖަމްޢިއްޔާތަކުގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

6 hours ago - 21:35

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ހިމެނޭ މަދަނީ ޖަމްޢިއްޔާތައް ތަމްސީލުކުރާ މެންބަރުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޤާމަށް އެދި ހުށަހަޅާ ފޯމު އެ އޮފީހުގެ ރަސްމީ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިއަދުން ފެށިގެން އަންނަ ނޮވެންބަރު މަހުގެ 1 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ފޯމު ބަލައިގަތުމުގެ އިންތިޒާމު ރައީސް އޮފީހުން ވަނީ ހަމަޖައްސާފައެވެ.


މީގެއިތުރުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން، އެލްޖީއޭ ބޯޑަށް އިންތިޚާބުކުރަންޖެހޭ ދެ މެންބަރުން ހޮވުމުގެ ވޯޓުލުން ވެސް މި މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އެއީ ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މެދުގައި ނަގާ ވޯޓަކުން ހޮވޭ މެންބަރެކެވެ.


ޖުމްލަ 9 މެންބަރުންގެ މައްޗަށް އެކުލެވޭ އެލްޖީއޭގެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ، ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރާއި، ޖެންޑަރ އިކުއަލިޓީ ދާއިރާގެ ތަޖުރިބާކާރު އަންހެން މެންބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖުރިބާކާރެއްގެ އިތުރުން މަދަނީ ޖަމްޢިއްޔާތައް ތަމްސީލުކުރާ މެންބަރެކެވެ. މީގެއިތުރުން ސިޓީ ކައުންސިލަރުންގެ ފަރާތުން އިންތިޚާބުކުރާ މެންބަރަކާއި، ރަށު ކައުންސިލަރުން ތަމްސީލުކުރާ މެންބަރަކާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސުން އިންތިޚާބުކުރާ މެންބަރެއްގެ އިތުރުން މާލީ ވުޒާރާގެ މުވައްޒަފަކާއި، އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow