މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު މަޖިލީހަށް ހުށަހަޅައިފި

މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު މަޖިލީހަށް ހުށަހަޅައިފި

12 hours ago - 10:56

ސަރުކާރުގެ ޑިޖިޓަލް ސިޔާސަތުގެ ދަށުން، ރާއްޖޭގެ ދައުލަތުގެ ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބައްޓަންކުރުމަށް ފަރުމާކޮށްފައިވާ "މޯލްޑިވްސް 2.0" ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.


ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީއެވެ. މި ބިލުގެ މައިގަނޑު މަޤްސަދަކީ އިތުބާރުހިފޭ، ސަލާމަތްތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދެވޭނެ ގަވަރނަންސްގެ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމެވެ.


މި ބިލުގެ ދަށުން "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" ގެ ނަމުގައި ސަރުކާރުގެ އާ އިދާރާއެއް އުފެއްދުމަށް ވަނީ ހުށަހަޅާފައެވެ. ދާޚިލީ ވުޒާރާގެ ދަށުން ހިންގާ މި އިދާރާގެ އެންމެ އިސްވެރިއަކަށް "ކޮމިޝަނަރ ފޮރ ޑިޖިޓަލް ޓެކްނޮލޮޖީ" އެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އައްޔަންކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. މިހާރު ދާޚިލީ ވުޒާރާގެ ދަށުން ހިންގާ ޑިޖިޓަލް ސަރވިސްގެ ހުރިހާ މަސްއޫލިއްޔަތުތަކާއި މުވައްޒަފުން މި އާ އިދާރާއަށް ބަދަލުވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.


މި ބިލު ޤާނޫނަކަށް ވުމުން، ދައުލަތުގެ އައިސީޓީއާ ގުޅުންހުރި ހުރިހާ ޚިދުމަތްތަކާއި ނެޓްވޯކްތައް ބަލަހައްޓާނީ މޯލްޑިވްސް ޑިޖިޓަލް ސަރވިސްއިންނެވެ. އަދި ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުގެ ފަންނީ މިންގަނޑުތައް ކަނޑައަޅައި، އެ ޚިދުމަތްތަކަކީ ހަމަހަމަ އަދި އިތުބާރުހިފޭ ޚިދުމަތްތަކެއްކަން އެ އިދާރާއިން ކަށަވަރުކުރަންޖެހޭނެއެވެ.


ބިލުގައިވާ ގޮތުން، ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވާ ހަތް މެންބަރުންގެ "ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް" އެއް އެކުލަވާލެވޭނެއެވެ. މީގެ އިތުރުން "މޯލްޑިވްސް 2.0 ރޯޑްމެޕް" އެއް އެކުލަވާލައި، ހުރިހާ ޚިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ "ސިޓިޒަން ޕޯޓަލް" އެއް ޤާއިމުކުރުމަށް ވެސް ބިލުގައި ވަނީ ހިމަނާފައެވެ.


މި ބިލަކީ ރާއްޖޭގައި "ޑިޖިޓަލް ފަރސްޓް" ސިޔާސަތެއް ތަންފީޒުކޮށް، ދައުލަތުގެ ހިންގުން ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ. ބިލުގެ ކަންކަމުގައި މަޖިލީހަށް ޖަވާބުދާރީވާނީ ދާޚިލީ ކަންކަމާ ބެހޭ ވަޒީރެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow