ޑިޖިޓަލް އައިޑެންޓިޓީގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

ޑިޖިޓަލް އައިޑެންޓިޓީގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

13 hours ago - 10:54

ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް ރާއްޖޭގައި ޤާއިމްކޮށް ހިންގުމާ ގުޅޭ ތަފްސީލީ އުސޫލުތައް ހިމެނޭ "ޑިޖިޓަލް އައިޑެންޓިޓީގެ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.


މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަބްދުއްރަޙްމާންއެވެ. މި ބިލުގެ މައިގަނޑު މަޤްސަދަކީ ދައުލަތުގެ އިދާރާތަކާއި، ޤާނޫނީ ޝަޙްސުތަކާއި އެ ނޫން ވެސް ފަރާތްތަކާ އެކު އޮންލައިންކޮށް ކުރާ މުޢާމަލާތްތަކުގައި، ޚިދުމަތް ހޯދާ ފަރާތުގެ އައިޑެންޓިޓީ ކަށަވަރުކުރުމެވެ. ބިލު ހުށަހަޅުއްވަމުން މެމްބަރު އަބްދުއްލަތީފް ވިދާޅުވީ، މި ނިޒާމް ފަރުމާކޮށްފައިވަނީ ބޭނުންކުރާ މައުލޫމާތުގެ ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތެއްގެ މަތިން ކަމަށާއި، ނިޒާމުގެ އިތުބާރު ހިފެހެއްޓުމަކީ މި ބިލުގެ މުހިންމު އަމާޒެއް ކަމަށެވެ.
މި ޤާނޫނު ހިނގާނެ ދާއިރާތަކުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި، ރާއްޖޭގައި ހުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކުގެ އިތުރުން، ރާއްޖެއާ ގުޅުންހުރި އޮންލައިން ޚިދުމަތްދޭ ފަރާތްތައް ހިމެނެއެވެ.


ބިލުގައިވާ ގޮތުން، މި ނިޒާމު ތަރައްޤީކޮށް ހިންގުމަށްޓަކައި "ޑިޖިޓަލް އައިޑެންޓިޓީ ޓޭކްނިކަލް އެޑްވައިޒަރީ ކޮމިޓީ" އެއް 90 ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހެއެވެ. މި ކޮމިޓީ އެކުލަވާލުމުގެ ބާރު ކަމާގުޅޭ ވަޒީރަށް ދީފައިވާއިރު، ކޮމިޓީގައި މިނިސްޓްރީގެ ފަންނީ މުވައްޒަފުންނާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އާއި، ޑިޖިޓަލް ސަރވިސްގެ މަންދޫބުން ހިމެނެންވާނެއެވެ.


މީގެ އިތުރުން، ލާޖް-ސްކޭލް އަދި ސްމޯލް-ސްކޭލް ޚިދުމަތްދޭ ފަރާތްތަކުގެ މަންދޫބުންނާއި، މަދަނީ ޖަމިއްޔާތަކުގެ މަންދޫބުންގެ އިތުރުން، ޑިޖިޓަލް ޚިދުމަތް ދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެއްގެ މަންދޫބަކުވެސް މި ކޮމިޓީގައި ހިމެނޭނެއެވެ. މި ކޮމިޓީގެ މައިގަނޑު ޒިންމާއަކީ ނިޒާމާ ގުޅޭ ޤަވާއިދުތައް ހެދުމުގައި ލަފާދިނުމާއި، ނިޒާމު ހިންގަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ކަށަވަރުކުރުމެވެ. މި ބިލުގައި ޑިޖިޓަލް އައިޑެންޓިޓީ ބޭނުންކުރުން މަނާ ހާލަތްތަކާއި، ޒާތީ މައުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް ވެސް ވަނީ ތަފްސީލީ ގޮތެއްގައި ބަޔާންކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow