ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފި
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފަސޭހަކަމާއެކު ފައިސާ ފޮނުވުމާއި ފައިސާ ލިބިގަތުމަށް ބޭނުންކުރާ މަޝްހޫރު އެމެރިކާގެ ޕޭމަންޓް ސިސްޓަމް، ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ރަސްމީކޮށް މިއަދު ތައާރަފްކޮށްފިއެވެ.
މި ހިދުމަތް ރާއްޖޭގައި ދިނުމަށް ހަމަޖެހިފައިވަނީ އުރީދޫ ފިންޓެކްއާ ގުޅިގެންނެވެ. އުރީދޫ މެދުވެރިކޮށް މި ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ "އިންވާޑް ރެމިޓެންސް ލައިސަންސް" މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިހާރު ވަނީ އެ ކުންފުންޏަށް ދޫކޮށްފައެވެ. މި އިންތިޒާމުގެ ދަށުން، ރާއްޖޭގައި ބޭނުންކުރާ ހުރިހާ ފޯނު ނަމްބަރުތަކަކަށް ވެސް އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގެ ހިދުމަތް ލިބިގެންދާނެއެވެ.
ޕޭޕަލް ފަދަ ބައިނަލްއަގުވާމީ ޕޭމަންޓް ސިސްޓަމްތައް ރާއްޖެއަށް ތައާރަފްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
މި ހިދުމަތް ރާއްޖެއަށް ތައާރަފްވުމާ ގުޅިގެން، ރާއްޖޭގެ އޮންލައިން ވިޔަފާރިތަކަށާއި، ފްރީލާންސް މަސައްކަތްތެރިންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ރައީސް މުއިއްޒު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި، ޕޭޕަލްގެ ހިދުމަތް ލިބުމަކީ ކޮންޓެންޓް ކްރިއޭޓަރުންނާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ބައިނަލްއަގުވާމީ ބާޒާރުން އާމްދަނީ ހޯދުމަށް ހުޅުވިގެންދާ ވަރަށް ބޮޑު ދޮރެކެވެ.
މީގެ އިތުރުން، މި ހިދުމަތުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހައިން ހަރަދުކުރުމުގެ ފުރުސަތު ލިބި، ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
ޕޭޕަލްއަކީ މިހާރު ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރާ، އަދި އެންމެ އިތުބާރު ބޮޑު އޮންލައިން ޕޭމަންޓް ސިސްޓަމެވެ. މި ހިދުމަތް ރާއްޖޭގައި ފެށުމަކީ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ރިއެކްޝަންސް

