ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ފަތުރުވެރިކަމުގެ އެނދުގެ އަދަދު 69،000 އަށްވުރެ މައްޗަށް!
ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ އެނދުގެ ޖުމްލަ އަދަދު 69،000 އަށްވުރެ މައްޗަށް އަރާފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ހިސާބުތަކަށް ބަލާއިރު، މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިކަމަށް ރަޖިސްޓްރީކޮށްފައިވާ ޖުމްލަ އެނދުގެ އަދަދަކީ 69،199 އެވެ. މީގެ ތެރެއިން 98.5 އިންސައްތަ ނުވަތަ 68،213 އެނދު މިވަގުތު އޮޕަރޭޓް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ އެކި ބާވަތުގެ ވަސީލަތްތަކަށް ބަލާއިރު، 186 ރިސޯޓެއްގައި 46،087 އެނދު ވަނީ ރަޖިސްޓްރީކޮށްފައެވެ. އޭގެ ތެރެއިން 180 ރިސޯޓެއްގެ 45،101 އެނދު މިހާރު ދަނީ އޮޕަރޭޓް ކުރަމުންނެވެ. މީގެ އިތުރުން 16 ހޮޓަލެއްގެ 2،654 އެނދާއި، 953 ގެސްޓްހައުސްއެއްގެ 16،951 އެނދުގެ އިތުރުން 172 ސަފާރީ އުޅަނދެއްގެ 3،507 އެނދު ދަނީ ފަތުރުވެރިންނަށް ޚިދުމަތް ދެމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތަކުގެ ފުލް ކެޕޭސިޓީ މިވަގުތު ދަނީ ބޭނުންކުރަމުންނެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން ޗުއްޓީ ހޭދަކުރި ގޮތަށް ބަލާއިރު، އެންމެ ބޮޑު މަގުބޫލުކަމެއް އޮތީ ރިސޯޓުތަކަށެވެ. އެގޮތުން 584،287 ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ގެސްޓްހައުސްތަކުގައި 206،637 ފަތުރުވެރިން ވަނީ މަޑުކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ޗައިނާ އާއި ރަޝިޔާއެވެ. އެގޮތުން ޗައިނާއިން 129,706 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ރަޝިޔާއިން 111,551 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖެއަށް އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދެ ގައުމެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށެވެ. މި މަސައްކަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ފަތުރުވެރިކަމުގެ އާ މާކެޓުތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރިއެކްޝަންސް

