ދައުލަތުގެ އާމްދަނީ 6.0 އިންސައްތަ އިތުރުވެ، 17.0 ބިލިއަން ރުފިޔާއަށް އަރައިފި
ފިނޭންސްގެ ހިސާބުތަކުން ދައްކަނީ އާމްދަނީ އިތުރުކަމަށް

ދައުލަތުގެ އާމްދަނީ 6.0 އިންސައްތަ އިތުރުވެ، 17.0 ބިލިއަން ރުފިޔާއަށް އަރައިފި

6 hours ago - 15:23
Jun 21, 2025 - 15:23

ދައުލަތުގެ އާމްދަނީ 6.0 އިންސައްތަ އިތުރުވެ، 17.0 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. ފިނޭންސް މިނިސްޓްރީން ޢާއްމުކުރި މާލީ ހިސާބުތައް ދައްކާގޮތުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިމަހުގެ 12 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓަށް 17.0 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ މިދިޔަ އަހަރު އެ މުއްދަތާ އަޅާބަލާއިރު 6.0 އިންސައްތައިގެ އިތުރުވުމެކެވެ.

ޓެކުހުގެ ރޭޓްތަކަށް ގެނަވުނު ބަދަލާއި ގުޅިގެން، ޖުމްލަ 13.2 ބިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ލިބިފައިވެއެވެ. މީގެ ތެރެއިން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 88.5 އިންސައްތަވަނީ އިތުރުވެފައިވާކަމަށް ދައްކައެވެ. އަދި އެއާޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ 46.9 އިންސައްތަ ވަނީ އިތުރުވެފައެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ 44.5 އިންސައްތަ އިތުރުވެފައިވާކަމަށްވެސް ހިދސާބުތަކުން ދައްކައެވެ. މީގެ މައިގަނޑު ސަބަބަކީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ގާތްގަނޑަކަށް 9 އިންސައްތައިން އިތުރުވެ، 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރުމެވެ. މި އިތުރުވުމާއި އެކު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6.0 އިންސައްތައިން އިތުރުވެފައެވެ. އާމްދަނީގެ އިތުރުވުމާއި އެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް 42.9 އިންސައްތައިން ވަނީ އިތުރުވެފައެވެ.

އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކުރެވިގެން ދިއުމާއެކު އެކަމުން ފެންނަންޖެހޭ އެދެވޭ އަސަރު މިހާރު ފެންނަމުންދާކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރައްވައެވެ. އަދި މި އަދަދުތަކުން ޓެކުހުގެ ރޭޓުތަކަށް ގެނައި ބަދަލާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ހަރަކާތްތަކަށް ނޭދެވޭ އަސަރެއްކޮށްފައިނުވާކަންވެސް ފާހަގަކުރެއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow