ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ
ފޮޓޯ- ޕީއެސްއެމް ނިއުސް

ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

14 hours ago - 14:20
Nov 11, 2026 - 14:21
Advertisement
Advertisement

ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް އަވަހަށް ބޭސް ފޯރުކޮށްދިނުމުގެ ގޮތުން ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލުމުގެ ޕައިލެޓް މަޝްރޫޢު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޤައުމީ ބޭސް ކުންފުނި، ސްޓޭޓް ފާމާއިން ހާމަކޮށްފިއެވެ.


ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ މައި ބޭސްގުދަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސްޓޭޓް ފާމާގެ ޗީފް ކޮމާޝަލް އޮފިސަރު އަޙުމަދު އިމާދު ވިދާޅުވީ، މި ޚިދުމަތަކީ ބޭސް ބޭނުންވާ ފަރާތްތަކަށް ލަސްނުވެ ބޭސް ފޯރުކޮށްދިނުމަށްޓަކައި ފަށާ މުހިންމު މަސައްކަތެއް ކަމަށެވެ. މީގެ ކުރިން ޑްރޯން މެދުވެރިކޮށް ލެބޯޓްރީ ސާމްޕަލް އުފުލުމުގެ ކާމިޔާބު ޓެސްޓްތަކެއް ކޮށްފައިވާއިރު، އަންނަ އަހަރުގެ ކުރީކޮޅު ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފަށާ މި މަސައްކަތުގެ ނަތީޖާއަށް ބެލުމަށްފަހު، މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމަށް ވަނީ ރޭވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އިމާދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދާއިމީ ބަލިތަކަށް ބޭނުންކުރާ ބޭސްތަކުގެ ދަތިކަން ހައްލުކުރުމަށްޓަކައި، އެކި ރަށްރަށުންނާއި ކަމާގުޅޭ އިދާރާތަކުން މަޢުލޫމާތު އެއްކޮށް ޚާއްޞަ ޑޭޓާބޭސްއެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި މިހާރު ލިބެން ނެތް ދާއިމީ ބޭސްތަކުގެ މަޢުލޫމާތު އާންމުންނާ ހިއްސާކުރެވޭނެ އިންތިޒާމެއް ހަމަޖައްސަމުންދާއިރު، ބޭރުން ބޭސް އެތެރެކުރުމުގައި ދިމާވާ ރެގިއުލޭޓަރީ އަދި ސަޕްލައި ޗެއިންގެ ގޮންޖެހުންތަކަށް ވެސް ހައްލު ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާ ގުޅިގެން ގާތްގަނޑަކަށް ދެ ހަފުތާ ތެރޭގައި ބޭސް އެތެރެކުރުމުގެ އަމާޒަށް ވާސިލުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ގާއިމުކުރި ޚާއްޞަ ނިޒާމުގެ ދަށުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަދުވެފައިވާ ބޭސްތައް ދެނެގަނެ، އަސާސީ ބޭސްތައް ހަމަކުރުމުގެ މަސައްކަތް ޕްލޭނިން އަދި ޕްރޮކިއުމަންޓް ޓީމުތަކުން ކުރަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.


މި ބައްދަލުވުމުގައި ސްޓޭޓް ފާމާގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު އަޙުމަދު ޒިޔާއު ސަޢީދު ވިދާޅުވީ، ރައްޔިތުންނަށް ބޭސް ހޯދުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް "ސިޓިޒަން ޕޯޓަލް" އެއް ތަޢާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ޕޯޓަލް މެދުވެރިކޮށް ކޮންމެ ބޭހެއް ވެސް ލިބެންހުރީ ކޮން ފާމަސީއަކުންކަމާއި، ސްޓޮކް ހުރި މިންވަރު ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ.


"ރައްޔިތުންނަށް އެންމެ އުނދަގޫ ކަމަކީ ބޭސް ހުރީ ކޮން ފާމަސީއެއްގައިތޯ، އެއް ފާމަސީގައި ބައެއް ބޭސް ނުހުރެދާނެ، އެހެންވީމައި އެއް ފާމަސީއިން އަނެއް ފާމަސީއަށް ދުއްވަން ޖެހެނީ. އެކަން ހުއްޓުވުމަކަށް އަޅުގަނޑުމެން ގެނެސްދޭނަމޭ ނޮވެމްބަރުގެ ނިޔަލަށް. ޕޯޓަލް ލޯންޗު ކުރެވިގެން ދިޔާމަ ބޭސް ވިއްކަނީ ކޮންތާކުންކަމާއި ކިހާވަރަކަށް ކަމާއި އެވޭލަބަލްތޯ ފެންނަން ހުންނާނެ،" ޒިޔާއު ވިދާޅުވިއެވެ.


ޑްރޯން ޓެކްނޮލޮޖީގެ އެހީގައި ބޭސް އުފުލުމާއި، ޑިޖިޓަލް ޕޯޓަލްގެ ޚިދުމަތް ތަޢާރަފުކުރުމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭސް ފޯރުކޮށްދިނުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ.

                    

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement