
ގަން އެއަރޕޯޓު މަޝްރޫޢުގެ މަގުގެ މައްސަލަ ހައްލުވެއްޖެ: މުއްތަލިބު
ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ހިމެނޭ މަގުގެ މައްސަލަ ހައްލުވެއްޖެކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ އީކްއޭޓާ ވިލެޖްގެ ލޭބަރ ކުއާޓަރ ސަރަހައްދުގެ މައްސަލަ ހައްލުވެފައިވާކަމަށް އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.
މިހާރު މަގު ހެދުމުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ގެންދެވޭނެކަމަށާއި، މި މައްސަލަ ހައްލުކުރުމަށް އައްޑޫ އެއަރޕޯޓު ކުންފުނިން ޓޫރިޒަމް މިނިސްޓްރީއާއި އެހެނިހެން ކަމާގުޅޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއާ އެކު، މައި މަގު ހެދުމަށްޓަކައި ބޭނުންވާ ސަރަހައްދުގެ ތެރެއަށް އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާ ވަންނާތީ، އެ މައްސަލާގައި އިންސާފުވެރި ހައްލުތަކެއް ހޯދުމަށް މިދިޔަ ދެ އަހަރު އީކުއޭޓާ ވިލެޖު ހިންގާ ކައިމޫއިން ސަރުކާރާ އެކު މަސައްކަތްކުރި އެވެ.
އެކަން ލަސްވެ، މާލީ ގޮތުން އިތުރު ހޭދައެއް ކުރަން ޖެހިދާނެތީ، މި މަހު އެކަމަށް ހައްލެއް ނުލިބިއްޖެ ނަމަ އެ ޕްރޮޖެކްޓުން މަގު އުނިކުރަން ސަރުކާރުން ނިންމިކަމަށް މިނިސްޓަރު އޭރު އިއުލާނުކުރެއްވިއެވެ. ނަމަވެސް މިހާރު ޓޫރިޒަމް މިނިސްޓްރީއާ އެކު ކައިމޫއިން ކުރި މަޝްވަރާގެ ތެރެއިން އެ ކޮޓަރިތައް ދޫކޮށްލަން ވަނީ އެއްބަސްވެފަ އެވެ.
ރިއެކްޝަންސް






