
އިންސާނީ އެހީ ހަތިޔާރަކަށް ހަދާތީ ހަމާސްގެ ނުރުހުން އިޒްރާއިލްއަށް!
ޣައްޒާ ހައިހޫނު ކަމުގެ އިންތިހާގައި
އިންސާނި އެހީ ހުއްޓުވުން ހަތިޔާރެއްގެ ގޮތުގައި ހަމާސްއާ ދެކޮޅަށް ބޭނުންކޮށް ފަލަޞްޠީނުގެ ރައްޔިތުން ހައިހޫނު ކަމުގައި އިންތިހާއަށް ވައްޓާލާފައިވާތީވެ ހަމާސްއިން އިޒްރާއިލްއަށް ފާޑު ކިޔައިފިއެވެ.
ހަމާސްގެ ގޮތް ހުސްކޮށްލުވުމަށް ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ކުށެއްނެތް ރައްޔިތުން ބަންޑަށް ޖެއްސުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމުގައި އެޖަމާއަތުން ވަނީ ސިފަކޮށްފައެވެ.
ބުދަ ދުވަހު އިޒްރައިލްގެ ދިފާއީ ވަޒިރު, އިޒްރާއިލް ކަޓްޒް ވަނީ ހަމަ ހިލާ ޢައްޒާއަށް އިންސާނީ އެހީ އެތެރެ ނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ. އަދި އެއީ ހަމާސް އާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރެއް ކަމުގައި ވެސް ވަނީ ބުނެފައެވެ.
"އިޒްރާއިލް އިން ދަނީ ފާޅުކަން ބޮޑު ގޮތެއްގައި އާންމުކޮށް އިއުލާންކޮށް ހަނގުރާމައިގެ ޖަރީމާހިންގަމުން. ފަލަޞްޠީނުގެ ރައްޔިތުން ދިރިހުރުމުގެ ޒަރޫރީ އަދި އަސާސީ ކަންކަން ކަމުގައިވާ ކާނާ އާއި, ފެނާއި, ބޭސް އަދި ތެޔޮ ލިބުމުން މަޙްރޫމްކޮށްފައިވާތާ މިއީ 7 ވަނަ ހަފުތާ" ޓެލްގްރާމްގައި ހަމާސްއިން ޕޯސްޓްކުރި ބަޔާނެއްގައި ބުނެފައި ވެއެވެ.
ފަލަޞްޠީނަށް މާޗު މަސް ފެށުނީއްސުރެ އިންސާނީ އެހީ އަދި ވިޔާފާރީގެ އެއްވެސް މުދަލެއް އެތެރެކޮށްފައެއް ނުވެއެވެ. މާޗު މަހު 18 ވަނަ ދުވަހު އިޒްރާއިލްއިން ވަނީ ހަމަލާތއް ހުއްޓާލުމާގުޅޭ އެއްބަސްވުން އުވާލާ އަލުން ޣައްޒާއަށް އެއްގަމާއި ވައިގެ މަގުން ހަމަލާ ދޭން ފަށާފައެވެ.
ހަމާސްގެ ބަޔާނުގައި ވަނީ ބައިނަލް އަޤުވާމީ މުޖަތަމައުއިން ޣައްޒާއަށް އިންސާނީ އެހީ ވަނުމަށް މަގުފަހިކުރުމަށް އިޒްރާއިލްއަށް ޕްރެޝަރު ކުރުމަށް ގޮވާލާފައެވެ.
2024 މާޗު ގައި ބައިނަލް އަޤްވާމީ ޖިނާއީ ކޯޓުންވެސް ވަނީ އިޒްރާއިލްގެ މައްޗަށް ޣައްޒާއަށް އިންސާނީ އެހީގެ ގޮތުގައި ކާނާ އާއި ބޯފެން އަދި ސިއްހީ ސާމާނު ވަނުން ކަށަވަރުކުރުމަސް އަމުރެއްވެސް ނެރެފައެވެ. ނަމަވެސް އޭގެ ފަހުންވެސް އިޒްރާއިލްއިން ވަނީ އެތައް ފަހަރަކު އެ އަމުރާ ހިލާފް ވެފައެވެ. މިހާރު ގުނަމުން މިދަނީ އެއްފަރާ އިންސާނީ އެހީގެ އެއްވެސް މިންވަރެއް ނުލިބި ގުނާމުންދާ އެންމެ ދިގު މުއްދަތެވެ.
އދ ން ވަނީ ޣައްޒާގެ އިންސާނީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމުގެ އިންޒާރު އެތައް ފަހަރެއްގެ މަތިން ދީފައެވެ. އެކަށީގެންވާ ކާނާ ނުލިބި ޣައްޒާގެ ކުޑަކުދިން ކަށީގެ އޮނިގަނޑު ތަކަކަށް ބަދަލުވަމުންފާއިރު އެތައް ކުދިންނެއް ވަނީ ބަނޑަށް މަރުވެފައެވެ. މިހާރުވެސް 3,696 ކުދިން ކާނާ ނުލިބު ފުރާނައަށް ނުރައްކާ ވާ ހާލަތުގައި އެބަތިބި ކަމަށް އދ ގެ އިންސާނި އެހީ އާ ބެހޭ އޮފީހުން ބުނެފައި ވެއެވެ.
ޣައްޒާގެ ރައްޔިތުން ބަނޑަށް މަރަމުން އިޒްރާއިލްއިން ދަނީ ޣައްޒާގެ ބިންތައް ފޭރެމުން އެމީހުންގެ ބާރުގެ ދަށަށް ގެންނަމުން ކަމުގައި އުރުދުންގެ ވެރިރަށް އައްމާނުން ރިޕޯޓްކުރި އަލް ޖަޒީރާގެ ނޫސްވެރިޔާ ނޫރް އޯދަހް ބުނެފައިވެއެވެ.
ރިއެކްޝަންސް






