
ވައުދާ އެއްގޮތަށް ފައިސާދޭން ފެށިފަހުން މަސްވެރިންނަށް 470 މިލިއަން ރުފިޔާ ދެވިއްޖެ- ރައީސް
މަސްވެރިންނަށް ފައިސާދޭން ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ފައިސާ ދޭން ފެށިފަހުން މިއަދާ ހަމައަށް 470 މިލިއަން ރުފިޔާ ދެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 'ރައްޔިތުންނާއެކު' ޕޮޑްކާސްޓްގެ ހަތަރުވަނަ ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަރާބަރަށް ފައިސާދޭން ފެށިފަހުން އެންމެ ދުވަހެއްގެ ލަސްކަމެއްވެސް އައިސްފައިނުވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވައުދަކީ މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެއްވުމެވެ. އެވައުދާ އެއްގޮތަށް ފައިސާ ދެއްވަން ފެއްޓެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އޭގެކުރިން ފައިސާ ދެއްވުމުގައި ލަސްކަމެއް އައިކަން ޤަބޫލުކުރައްވާ ރައީސް ވިދާޅުވީ މިހާރު ބަރާބަރަށް މަސްވެރިންނަށް 470 މިލިއަނެއްހާ ރުފިޔާ ދެވިއްޖެ ކަމަށާއި, އޭގެ ނަތީޖާވެސް ފެންނަމުންދާކަމަށެވެ.
" ކުރިން ފައިސާ ނުދެވުމުގެ ސަބަބުން މަސްދޯނިތަކުން އެތައް ޒުވާނުންނެއް ފޭބި. ނަމަވެސް މިހާރު އެ ފޭބި ޒުވާނުން މަސްދޯނިތަކަށް ދަނީ އަރަމުން." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ބޭނުންފުޅުވަނީ ދޯނިތަކުގައި މިހާރު ތިބި ބޭރު މީހުންގެ ބަދަލުގައި ދިވެހިން އަނބުރާ ދޯނިތަކަށް ދާން ކަމަށެވެ.
ރިއެކްޝަންސް






