
ވެންޑައިކް ވެސް ލިވަޕޫލްގެ އެއްބަސްވުން އާކޮށްފި
ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެންޑައިކް އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ދެ އަހަރަށް އާކޮށްފި ކަމަށް ލިވަލޫލްއިން މިއަދު ހާމަކޮށްފިއެވެ. ވެންޑައިކްގެ މުސްތަޤުބަލާމެދު އެތައް ގޮތަކަށް ވާހަކަތައް ފެތުރުމަށްފަހު އެންމެފަހުން ލިވަޕޫލް އާއެކު ކުރިއަށް ދިއުމަށް ނިންމާފައިވަނީ 2027 ގެ ޖުލައި އާ ހަމައަށެވެ.
ލިވަޕޫލްއިން ވެންޑައިކް އާއެކު ކުރިން ހަދާފައިވާ އެއްބަސްވުން ހަމަވާނީ މިއަހަރުގެ ހޫނު މޫސުމުގައެވެ. އޭނާ މަޑުކުރުމަށް އެއްބަސްވުމަކަށް އައިސްފައި މިވަނީ ލިވަޕޫލްގެ ސްޕޯޓިން ޑައިރެކްޓަރ ރިޗާޑް އަދި ވެންޑައިކްގެ ފަރާތުން ނީލް ފެވިންގްސް އާއެކު ގިނަ މަސްތަކެއްވާންދެން ކުރިއަށްދިޔަ މަޝްވަރާތަކަށް ފަހުއެވެ.
ލިވަޕޫލްއާ އެކު އިތުރު ދެ އަހަރު މަޑުކުރަން ނިންމުމަށްފަހު އީއެސްޕިއެންއަށް ވެންޑައިކް ބުނެފައިވަނީ އޭނާ ހުރީ އުފަލުން އަދި ފަހުރުވެރިކަމާއެކު ކަމަށާއި, ލިވަޕޫލްއާއެކު މި ހޭދަކުރި ދަތުރަކީ އޭނާގެ ކެރިއަރުގެ އެންމެ ރަނގަޅު ދުވަސްތައް ކަމުގައެވެ. އަދި އިތުރު ދެ އަހަރަށް ކްލަބްގައި މަޑުކުރުމާ މެދު އޭނާ ހުރީ ވަރަށް އުފަލުން ކަމުގައެވެ.
2018 ވަނަ އަހަރު ވެންޑައިކް ލިވަޕޫލް އާ ގުޅުނީ ސައުތަޕްޓަން އިންނެވެ. އޭރުންފެށިގެން ލިވަޕޫލްގައި އޭނާ ދަނީ ދުނިޔޭގެ އެންމެ މޮޅު އެއް ސެންޓްރަލް ޑިފެންޑަރެއްގެ ރޯލް އަދާކުރަމުންނެވެ.
ލިވަޕޫލްއަށް މިހާތަނަށް 300 މެޗު ކުޅެދީފައިވާ ވެންޑައިކް އާއެކު އެޓީމުން ވަނީ ބޮޑު ހަތް މުބާރާތް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ޕްރިމިއަރ ލީގާއި ޗެމްޕިއަންސް ލީގުވެސް ހިމެނެއެވެ.
ނެދަލެންޑްސްއަށް އުފަން ވެންޑައިކް އާއެކު މޮޅު ސީޒަނެއް ކުރިއަށް ގެންދާ ލިވަޕޫލްއިން މިހާރު އަމާޒު ހިފާފައިހުރީ ކްލަބްގެ 20 ވަނަ ލީގު ތައްޓާ ދިމާއަށެވެ.
ވެންޑައިކް ލިވަޕޫލްގެ އެއްބަސްވުން އާކުރި އިރު މިސީޒަނުގައި ލިވަޕޫލްގައި އޭނާއާ އެކު އެންމެ މުހިއްމު ދައުރެއް އަދާކުރަމުން އަންނަ މިޞްރުގެ ފޯވާޑް މުޙައްމަދު ޞަލާޙް ވެސް ވަނީ ކްލަބާއެކު އިތުރު ދެއަހަރު މަޑުކުރުމަށް ފާއިތުވި ހަފުތާގައި ސޮއިކޮށްފައެވެ.
ރިއެކްޝަންސް






