ގަދަ ފިނީގައި ކުޅުނު މެޗުގައި ލިވަޕޫލް އަތުން މެންޗެސްޓަރ ޔުނައިޓަޑް ޕޮއިންޓެއް
ބޯކޮށް ވެހެމުން ދިޔަ ސްނޯގައި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހު ލިވަޕޫލްއާއި މެންޗެސްޓަރ ޔުނައިޓަޑް ބައްދަލުކުރި މެޗު 2-2 ން ނިމިއްޖެއެވެ.
ފިނި ގަދަވުމުގެ ސަބަބުން މެޗު ފަސްކުރާނެ ކަމަށް ބެލެވުނު ނަމަވެސް މޫސުމަށް ބެލުމަށްފަހު މެޗު ކުޅެން ނިންމީއެވެ. އެންފީލްޑް އަކީ ބިމުއަޑިގައި ހޫނުކޮށްދޭ ނިޒާމާއެކު ޤާއިމްކޮށްފައިވާ ދަނޑަކަށްވާތީވެ, ގަދަ ފިނީގެ އަސަރު ކުޑަކޮށްދޭނެ ކަމަށް ބަލައެވެ.
މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ ޔުނައިޓަޑް އިންނެވެ. ދެވަނަ ހާފު ފެށިގެން މެޗުގެ 52 ވަނަ މިނިޓްގައި ލިސެންޑްރޯ މާޓިނޭޒްގެ ގޯލް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުޞަތުގައެވެ.
ނަމަވެސް ލީޑުގައި ޔުނައިޓަޑަށް މާގިނަ ވަގުތު ދެމިއޮވެވޭގޮތެއް ނުވިއެވެ. ލިވަޕޫލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ކޯޑީ ގަޕްކޯއެވެ. 59 ވަނަ މިނިޓްގައި ލިވަޕޫލްގެ ފުރަތަމަ ގޯލް ކާމިޔާބުކުރުމުގައި އެހީތެރިވީ އެލެކްސިސް މެކް-އެލިސްޓަރ އެވެ.
މެޗުގެ 70 ވަނަ މިނިޓްގައި ލިވަޕޫލްއިން ލީޑު ނެގީ ލިބުނު ޕެނަލްޓީއެއްގައި މުޙައްމަދު ޞަލާޙް އެވެ. މެޗު ނިމެން ދަނިކޮށް ހެރީ މެގުއާއަށް ނަތީޖާ ބަދަލުކޮށްލާނެ ރަނގަޅު ފުރުޞަތެއް ލިބުންނަމަވެސް ގޯލާ އަމާޒުކުރުމުގައި ވަނީ ނާކާމިޔާބު ވެފައެވެ.
ޔުނައިޓަޑަށް ނަތީޖާ އެއްވަރު ކޮށްދިނީ 80 ވަނަ މިނިޓްގައި އަމަޑް ޑައަލޯ އެވެ.
ޕޮއިންޓަކުން ފުއްދާލަން ޖެހުނު ނަމަވެސް ލިވަޕޫލް އަދިވެސް އޮތީ ތާވަލްގެ އެއްވަނައިގައި ހަމަޖެހިގެންނެވެ. 19 މެޗުން 46 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު ދެވަނައިގައި އާސެނަލް އޮތީ 20 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލްގެ 13 ވަނައިގައި މެންޗެސްޓާރ ޔުނައިޓަޑް އޮތީ 20 މެޗުން 23 ޕޮއިންޓާއެކުއެވެ.
އާދިއްތަ ދުވަހު ފުލަމް އާއި އިޕްސްވިޗް ޓައިން ބައްދަލުކުރި މެޗުވެސް ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ.
ރިއެކްޝަންސް