އެސްޓަންވިލާއާ އެއްވަރުވެ، އާސެނަލްގެ އިންތިޒާރު ދިގުލައިފި
އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު އެސްޓަން ވިލާއާ އާސެނަލް ވާދަކުރި މެޗު 2-2 ން އެއްވަރު ވެއްޖެއެވެ. އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފުރަތަމަ ދެ ގޯލްވެސް ކާމިޔާބުކުރީ އާސެނަލްއިންނެވެ.
މެޗުގެ 35 ވަނަ މިނިޓްގައި އާސެނަލް އަށް ލީޑުނަގައިދިނީ ގެބްރިއެލް މާޓިނެއްލީ އެވެ. ލެއަންޑްރޯ ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކުރި ގޯލާއެކު ފުރަތަމަ ފާހު ނިމުނީ 1-0 ން އާސެނަލް ކުރީގައި އޮވެއެވެ.
ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުޞަތެއްގައި އާސެނަލްއަށް ލީޑު ފުޅާކޮށްދިނީ 55 ވަނަ މިނިޓްގައި ކައި ހަވާޓްޒް އެވެ. މެޗުގެ 88 ވަނަ މިނިޓްގައި ހަވާޓްޒް އިތުރު ގޯލެއް ކާމިޔާބު ކުރިނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ ގޯލް ބަލައިނުގެންފައެވެ. ގޯލް ބަލައިނުގެން ސަބަބެއްކަމުގައި ބުނެފައިވަނީ އޭގެ ކުރީގެ ފައުލަކާ ގުޅިގެން ކަމުގައެވެ.
އެސްޓަންވިލާއިން އެމީހުންގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ މެޗުގެ 60 ވަނަ މިނިޓްގައި ޔޫރީ ޓިއެލެމަންސް އެވެ. ވިލާއިން ނަތީޖާ އެއްވަރުކުރީ އޭގެ އަށް މިނިޓްފަހުން މެޓީ ކޭޝް ތަނަވަސްކޮށްދިން ފުރުޞަތެއްގައި އޮލީ ވަޓްކިންސް އެވެ.
މެޗުގައި ގިނަ ރީނދޫ ކާޑުތަކެއް ފެނިގެން ދިޔައިރު ދެޓީމުގެ ކޯޗުންނަށްވެސް ވަނީ ރީނދޫކާޑު ދައްކާފައެވެ.
މި މެޗުގެ ނަތީޖާއާއެކު އާސެނަލްއަށް ތާވަލްގެ އެއްވަނައިގައި އޮތް ލިވަޕޫލްއާ ޕޮއިންޓްގެ ފަރަގު 4 ށް ކުޑަކުރަން ލިބުނު ފުރުޞަތު ވަނީ ގެއްލިފައެވެ. 21 މެޗުން 50 ޕޮއިންޓާއެކު ތާވަލްގެ އެންމެ ކުރީގައި ލިވަޕޫލް އޮތް އިރު އާސެނަލް 22 މެޗުކުޅެ ދެވަނައިގައި އޮތީ 44 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ނޮޓިންގހަމް ފޮރެސްޓާއި އޮތީ ތިން ޕޮއިންޓްގެ ތަފާތެވެ. އެސްޓަންވިލާ ތާވަލްގެ 7 ވަނައިގައި އޮތީ 36 ޕޮއިންޓާއެކު އެވެ.
ހޮނިހިރު ދުވަހު ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ކްރިސްޓަލް ޕެލަސްއިން ވެސްޓްހެމް ޔުނައިޓަށް ބަލިކޮށްފައިވަނީ 2-0 ން ނެވެ. އަދި ފުލަމް އިން ލެސްޓަރ ސިޓީގެ މައްޗަށް ކުރިހޯދީވެސް 2-0 ގެ ނަތީޖާ އަކުންނެވެ.
ރިއެކްޝަންސް