
ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި 'ސަޕޯޓަރުންގެ އަމަލުތަކާ ގުޅިގެން' ރެއާލް މެޑްރިޑް ޖޫރިމަނާކޮށްފި
ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ފެބްރުވަރީ މަހު ކުޅުނު މެޗުގައި ރެއާލް މެޑްރިޑްގެ ސަޕޯޓަރުންގެ "އަމަލުތައް ހުރިގޮތުން' އެޓީމު 30,000 ޔޫރޯއިން ޖޫރިމަނާކޮށްފިއެވެ.
ރެއާލްގެ ދަނޑު, ސެންޓިއޭގޯ ބާނަބެއުގައި ކުޅުނު މެޗުގައި ސަޕޯޓަރުންގެ ފަރާތުން ދިމާވި ފަދަ ކަމެއް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ތަކުރާރުވެއްޖެނަމަ އެ ސްޓޭޑިއަމް ބައެއް ސަޕޯޓަރުންނަށް ބަންދުކުރުމަށްވެސް ރެއާލަށް ދިން އަދަބުގައި ޔުއެފާއިން ވަނީ ހިމަނާފައެވެ.
ޗެމްޕިއަންސްލީގުގެ ޕްލޭއޯފްގެ ދެވަނަ ލެގުގައި ފެބުރުވަރީ 19 ވަނަ ދުވަހު ރެއާލުން ސިޓީ ބަލިކުރީ 3-1 ންނެވެ. 6-3 ގެ އެގްރެގޭޓުން ކުރިހޯދާ ރެއާލް ގަދަ 16 އަށް ދަތުރުކުރި މެޗުގައި ރެއާލްގެ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ވަނީ ހެޓްރިކް ހަދާފައެވެ.
ޔުއެފާއިން ހުކުރު ދުވަހު އެޕީލް ކޮމިޓީން ނިންމި ނިންމުންވަނީ އާންމުކޮށްފައެވެ. އެ ނިންމުމުގައި ރެއާލްގެ ސަޕޯޓަރުންވަނީ ޔުއެފާގެ ސުލޫކީ މިންގަނޑުގެ 14 ވަނަ މާއްދާ އާ ޚިލާފްވެފައިވާކަމަށް ވަނީ ކަނޑައަޅާފައެވެ. އެ މާއްދާގައި ބުނަނީ "އެއްވެސް މީހަކު އަނެކާ ނުވަތަ ވަކި ބަޔަކާމެދު އެއްވެސް ހާލަތެއްގައި އެމީހެއްގެ ހަމުގެ ކުލައަށް, ނިސްބަތްވާ ނަސްލަކަށް, ދީނަކަށް ނުވަތަ ޖިންސަށް ނިސްބަތްވާ ގޮތަށް އިންސާނީ ކަރާމާތަށް އުނިކަން އަންނާނެފަދަ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެ" އެވެ. ނަމަވެސް ޔުއެފާގެ ނިންމުމުގައި ރެއާލަށް އަދަބު ދިނީ ސީދާ ވަކި ކޮންކަމަކަށް ކަމެއް ބުނެފައެއް ނުވެއެވެ.
ރެއާލުން ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ރެއާލްގެ އަމިއްލަ ދަނޑުގައި އަންގާރަދުވަހު އެތްލެޓިކޯ މެޑްރިޑް އާ ދެކޮޅަށް ނިކުންނާނެއެވެ.
ރިއެކްޝަންސް






