އޭދަފުށި ދެވަނަ ބުރަށް, ގުރައިދޫ އިތުބާރުގައި
ނައިންޓީ ޕްލަސް ގޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން އޭދަފުށި ޖާގަ ކަށަވަރުކޮށް, ގުރައިދޫން އިތުބާރާއެކު ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ.
އޭދަފުށި ދެވަނަ ބުރު ޔަގީން ކުރީ ދެވަނަ މެޗުގައި 4-0 ން ތިމަރަފުށި ބަލިކޮށްގެންނެވެ. ފުރަތަމަ މެޗުގައި އޭދަފުށިން ވަނި ތުޅާދޫ އަތުންވެސް ބޮޑު މޮޅެއް ހޯދާފައެވެ. ދެ މެޗުން ހަ ޕޮއިންޓާއެކު އޭދަފުށްޓަށް ދެވަނަ ބުރު ކަށަވަރު ވެއެވެ. ތިމަރަފުށި ކޮޅަށް އޭދަފުށީގެ ފުރަތަމަ ލަނޑު ޖެހީ އަލީ ނަސީމް އެވެ. އޭދަފުށީގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑުވެސް ދެވަނަ ހާފްގައި ޖެހީ ކެޕްޓަން މުޙައްމަދު ފާސިރު (ފާއްޓޭ) އެވެ. އޭނާ އަކީ ގައުމީ ޓީމްގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ގެ ބޭބެއެވެ. އޭދަފުށީގެ ފަހު ލަނޑު ފަހު މިނިޓްގައި ޖެހީ ހުސެއިން ޝަރީފް އެވެ.
ގްރޫޕް ބީ އިން އޭދަފުށީގެ އިތުރުން މާލެ ސިޓީވެސް ވަނީ ދެ މެޗުން މޮޅުވެ ދެވަނަ ބުރު ޔަގީން ކޮށްފައެވެ. މިގްރޫޕްގެ އެއްވަނަ ޓީމް ކަށަވަރުވާނީ އޭދަފުށްޓާއި, މާލެ ސިޓީ ވާދަކުރާ މެޗުންނެވެ. މިގްރޫޕުން ތިންވަނަ ލިބޭނީ ތިމަރަފުށްޓާއި ތުޅާދޫ ވާދަކޮށް ކުރި ހޯދާ ޓީމަކަށެވެ.
މުބާރާތުގައި ގުރައިދޫން ވަނީ އައްޑޫ ސިޓީ އަތުންވެސް ޕޮއިންޓެއް ހޯދާ ގްރޫޕް ސީގެ އެއްވަނައިގައެވެ. ފުރަތަމަ މެޗުގައި ހުރާ ބަލިކުރި ގުރައިދޫން އައްޑޫ ސިޓީ އަތުން ޕޮއިންޓެއް ހޯދީ 1-1 ން މެޗު އެއްވަރު ކޮށްގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ އައްޑޫ ސިޓީންނެވެ. އެޓީމަށް ލީޑް ނަގައިދިނީ
މުޙައްމަދު އިންޝާލް އެވެ. އޭގެ އަށް މިނިޓްފަހުން ގުރައިދޫ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަހުމަދު އަހުޒަމް ވަހީދު އެވެ.
4 ޕޮއިންޓާއެކު ގްރޫޕް ސީގެ އެއްވަނައިގަ އޮތީ ގުރައިދޫ އެވެ. އައްޑޫ ސިޓީ އޮތީ ދެ ޕޮއިންޓާއެކުއެވެ. އެއް މެޗުން ކުރެންދޫ އޮތީ ޕޮއިންޓަކާއެކުއެވެ. ކުރީގެ ގަދަ ބާރު ހުރައަށް ޕޮއިންޓެއް ނުލިބެއެވެ. މުބާރާތުގައި މިއަދު ހަވީރު ވާދަކުރާނީ ހުރައާއި ކުރެންދޫ އެވެ.
ރިއެކްޝަންސް