ވިޝް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފަސްޓް ލޭޑީ ގަތަރަށް ވަޑައިގެންފި
ވޯލްޑް އިނޮވޭޝަން ސަމިޓް ފޯ ހެލްތުގެ އަށްވަނަ އެޑިޝަން (ވިޝް 8) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގަތަރުގެ ވެރިރަށް ދޯހާއަށް ވަޑައިގެންފިއެވެ.
އެކަމަނާ ދޯހާއަށް ފައިބައިވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ގަތަރުގެ ހާރިޖީ ވުޒާރާގެ ޕްރޮޓޮކޯލް ޑިޕާޓްމަންޓުގެ ޑިރެކްޓަރު، ސަފީރު އިބްރާހީމް ބިން ޔޫސުފް އަބްދުﷲ ފަހްރޫގެ އިތުރުން ރާއްޖެއިން ގަތަރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާދަމް ޝަރީފް އުމަރެވެ.
މި ސަމިޓުގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގަންނަވަނީ، ގަތަރު ފައުންޑޭޝަނުގެ ޗެއާޕާސަން ޝެއިހާ މޯޒާ ބިންތު ނާސިރު އަރުވާފައިވާ ހާއްސަ ރަސްމީ ދައުވަތަކަށެވެ.
މި ދަތުރުފުޅުގެ ތެރެއިން "ގްލޯބަލް ހެލްތު ބިޔޯންޑް 2030: އިމާޖިންގ ހެލްތު ޗެލެންޖަސް، ކޯޕަރޭޝަން، އެންޑް ދަ ރޯލް އޮފް މިޑްލް ޕަވާސް" ގެ ނަމުގައި ބާއްވާ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމުގައި އެކަމަނާ ތަގުރީރު ކުރައްވާނެއެވެ. އަދި ސަމިޓަށް ހާޒިރުވެވަޑައިގަންނަވާ އެކި ގައުމުތަކުގެ އިއްޒަތްތެރި މަންދޫބުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ގަތަރު ފައުންޑޭޝަނުން ކުރިއަށްގެންދާ މި ސަމިޓަކީ، ދުނިޔޭގެ ސިއްހީ ދާއިރާގެ ސިޔާސަތުތައް އެކަށައަޅާ ލީޑަރުންނާއި، ދިރާސާވެރިންނާއި، އިލްމުވެރިން އަދި އައު އީޖާދުތައް ތައާރަފުކުރާ ފަރާތްތައް އެއްތަނަކަށް އެއްވެ، ސިއްހީ ބޮޑެތި މައްސަލަތަކަށް އަމަލީ ހައްލުތައް ހޯދައި ސިޔާސަތުތައް ކަނޑައެޅުމަށް ބާއްވާ ބައިނަލްއަގުވާމީ މުހިންމު ފޯރަމެކެވެ.
ރިއެކްޝަންސް





