ޒިންމާދާރު އަވަށްޓެރިއެއްގެ ގޮތުގައި ރާއްޖެ އޮންނާނެ ކަމުގެ ޔަޤީންކަން މޯދީއަށް ދެއްވައިފި
އިންޑިއާއާ އެކު އޮތް ގުޅުން ދަމަހައްޓައި، ޒިންމާދާރު އަދި އެކުވެރި އަވަށްޓެރިއެއްގެ ގޮތުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް އަރުވާފައިވާނެ ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރްއޭ) ގެ ވަޒީރުންގެ މަޖިލީހުގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މިވަގުތު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނެވި ޢިރުތިޝާމް، ބޮޑުވަޒީރު މޯދީއާ ބައްދަލުކުރެއްވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ ޤައުމުގެ ގުޅުން ބިނާވެފައިވާ އިތުބާރާއި އިޙްތިރާމް އެގޮތުގައި ދެމެހެއްޓުމަށް ރާއްޖެއިން އިސްކަންދޭ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އިޙްތިރާމާއި އިތުބާރުގެ ބިންގަލުގެ މަތީގައި، ޒިންމާދާރު އެކުވެރިއެއްގެ ގޮތުގައި ރާއްޖެ ސާބިތުވެ އޮންނާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ދެންނެވިން،" ވަޒީރު އިނގިރޭސި ބަހުން ލިޔުއްވާފައިވެއެވެ.
މީގެއިތުރުން އިންޑިއާއިން ރާއްޖެއަށް ވެދެމުން އަންނަ ދީލަތި އެހީތައް ފާހަގަކުރައްވައި، ދެ ޤައުމުގެ ގުޅުމަށް މޯދީ ބަހައްޓަވާ އަހައްމިއްޔަތުކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ އެކުވެރިކަމުގެ އަގު ރާއްޖެއިން އަބަދުވެސް ވަޒަންކުރާ ކަމަށް ވިދާޅުވެ، އޭގެ ހެއްކެއްގެ ގޮތުން އެކަމަނާ ނެންގެވީ މާލެ ސަރަޙައްދު ގުޅުވާލުމަށް އަޅާ ތިލަމާލެ ބްރިޖު މަޝްރޫޢުގެ މިސާލެވެ.
ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ކުރީކޮޅު، ސަރުކާރުގެ ބައެއް ސިޔާސީ އިސް ވެރިންތަކެއް މޯދީއަށް ނިސްބަތްކޮށް ބޭއަދަބީ ބަސްތަކެއް ބޭނުންކުރުމާ ގުޅިގެން ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ. އަދި އެ މައްސަލައިގައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިންނާއި އެތައް ބަޔަކު ރާއްޖެ ބޮއިކޮޓްކުރުމުގެ ކެމްޕޭނެއްވެސް ހިންގިއެވެ.
ނަމަވެސް ފަހުން ދެ ޤައުމުގެ ގުޅުން ވަނީ އަލުން އާރާސްތުކޮށް ވަރުގަދަކޮށްފައެވެ. އެގޮތުން ރައީސް މުޢިއްޒު ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ރަސްމީ ދަތުރުފުޅު ކުރައްވާފައިވާއިރު، މިދިޔަ އަހަރުގެ ރާއްޖޭގެ މިނިވަން ދުވަހުގެ ޚާއްޞަ މެހުމާނެއްގެ ގޮތުގައި ބޮޑުވަޒީރު މޯދީވެސް ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ.
ރިއެކްޝަންސް





