އިންޑިއާ ކަނޑުގެ ސަލާމަތަށް ސަރަހައްދީ ގުޅުން ބަދަހިކުރަން ވަޒީރު އިރުތިޝާމް ގޮވާލައްވައިފި
އިންޑިއާ ކަނޑުގެ ސަރަހައްދަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި ނުރައްކާތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށާއި، ސަރަހައްދީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިއަދު ބޭއްވި އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރްއޭ) ގެ ވަޒީރުންގެ މަޖިލީހުގެ 25 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުންނެވެ. މިއީ ހާރިޖީ ވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، އައިއޯއާރްއޭގެ މިފަދަ ބައްދަލުވުމެއްގައި އިރުތިޝާމް ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މި ބައްދަލުވުމުގައި ޖަމިއްޔާގެ މެންބަރު 23 ގައުމާއި، ޑައިލޮގް ޕާޓްނަރުންގެ ގޮތުގައި ހިމެނޭ 12 ގައުމެއްގެ ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެން، ޖަމިއްޔާގެ ޗާޓަރުގެ އަމާޒުތަކާއި ހަމަތައް ނެގެހެއްޓުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ވަޒީރު އިރުތިޝާމްގެ ވާހަކަފުޅުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އެކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސަރަހައްދުގެ ގައުމުތަކުގެ އެއްބައިވަންތަކަން ކޮންމެހެން ބޭނުންތެރިކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އިގުތިސާދާއި ދިރިއުޅުން ކަނޑުގެ ވަސީލަތްތަކާ ގުޅިފައިވާތީ، ގައުމުގެ ވިލުންތެރިކަން ދެމެހެއްޓުމަށް އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، އައިއޯއާރްއޭ އަކީ މި ޒަމާނުގެ ގޮންޖެހުންތަކަށް އަމަލީ ހައްލުތަކެއް ހޯދައިދޭ މަންސައަކަށް ވުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެ އަމާޒަށް ވާސިލުވުމަށް އެ ޖަމިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ވަޒީރު ތައުރީފު ކުރެއްވިއެވެ.
މި ސަމިޓުގެ ހަވާސާގައި، އިރުތިޝާމް ވަނީ އައިއޯއާރްއޭގެ ބައެއް މެންބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުންނާ ވަކިވަކިން ބައްދަލުކުރައްވައި، ދޭދޭ ގުޅުންތައް ބަދަހިކުރުމަށާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމާ މެދު މަޝްވަރާ ކުރައްވާފައެވެ.
އިންޑިއާ ކަނޑުގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް 1997 ގައި އުފެއްދި އައިއޯއާރްއޭގެ 22 ވަނަ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ގުޅުނީ 8 ނޮވެމްބަރު 2019 ގައެވެ. ވަޒީރުންގެ ބައްދަލުވުމުގެ ކުރިން، މި މަހުގެ 25 އިން 26 އަށް ބޭއްވި ސީނިއާ އޮފިޝަލުންގެ ކޮމިޓީގެ 29 ވަނަ ބައްދަލުވުމުގައިވެސް ރާއްޖެއިން ވަނީ ބައިވެރިވެފައެވެ.
މި ދަތުރުފުޅުގައި ވަޒީރު އިރުތިޝާމްގެ އަރިހުގައި އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު އައިޝަތު އަޒީމާ އާއި އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ ބައިވެރިވެވަޑައިގެންނެވިއެވެ.
ރިއެކްޝަންސް





