15 އަހަރަށްފަހު ލިވަޕޫލްއިން ރެއާލް މެޑްރިޑްގެ މައްޗަށް ކުރިހޯދާ ތާވަލްގެ އެއްވަނައަށް
ޔުއެފާ ޗެމްޕިއަންސް ލީގުގައި 2-0 ން ރެއާލް މެޑްރިޑް ބަލިކޮށް, 15 އަހަރުގެ ޒަމާންވީ ރިހުން ލިވަޕޫލްއިން ކަނޑުވާލައިފިއެވެ. މެޗަށްފަހު އުފާފާޅުކުރަމުން ލިވަޕޫލްގެ ކޯޗް އާން ސްލޮޓް ބުނީ ސްޕެއިންގެ ގަދަ ބާރު ރެއާލްގެ މައްޗަށް ކުރިނުހޯދި ލީގުގައި 15 އަހަރު ހޭދަވުމަކީ ތަނެއްގައި މެދުނުކެނޑި ރިހުން ހުރުން ކަހަލަ ކަމެއްކަމަށެވެ.
ލިވަޕޫލްގެ އެންފީލްޑް ގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. ދެވަނަ ހާފުގެ ފުރަތަމަ 10 މިނިޓް ތެރޭގައި ލިވަޕޫލްއަށް ލީޑު ނަގައިދިނީ އެލްކްސިސް މެކް އެލިސްޓާއެވެ.61 ވަނަ މިނިޓްގައި ރެއާލްއަށް ނަތީޖާ އެއްވަރުކުރަން ލިބުނު ފުރުޞަތު ކީލިއަން އެމްބާޕޭ އަތުން ގެއްލުނީ ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ.
މެޗުގެ 70 ވަނަ މިނިޓްގައި ލިވަޕޫލްގެ މިޞްރުގެ ފޯވަރޑް މުޙައްމަދު ޞަލާޙްއަށް ލިބުނު ޕެނަލްޓީވެސް ވަނީ ނާކާމިޔާބު ވެފައެވެ. ލިވަޕޫލް މެޗުން މޮޅުވި ގޯލް ކާމިޔާބުކުރީ ކޯޑީ ގަޕްކޯއެވެ. 76 ވަނަ މިނިޓްގައި މި ގޯލް ކާމިޔާބުކުރުމުގައި އެހީތެރިވީ ޑިފެންޑާރު އެންޑީ ރޮބާޓްސަން އެވެ.
ބުރާސްފަތި ދުވަހުގެ މޮޅާއެކު މިފަހަރުގެ ލީގުގައި ލިވަޕޫލްއިން ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެޓީމް ވަނީ ލީގުގައި 100 އިންސައްތަ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓާފައެވެ. ތާވަލްގެ އެއްވަނަގައި 15 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު, ދެ ޕޮއިންޓް މަދުކޮށް ދެވަނައިގައި އޮތީ އިންޓަރ މިލާންއެވެ. އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވިއިރު އެޓީމު އޮތީ 36 ޓީމުގެ ލީގު ބުރުގެ 24 ވަނައިގައެވެ.
"ޗެމްޕިއަންސް ލީގު 15 ފަހަރު އުފުލާލާފައިވާ ޓިމަކާ ދެކޮޅަށް ކުޅުމަކީވެސް ޙާއްސަކަމެއް. އަދި އަމުދުން އެހާ ގިނަ ދުވަސްވީ ރިހުމެއް އެމީހުންގެ މައްޗަށް ކުރި ނުހޯދި އޮތުން. މިއީ އަހަރެމެންނަށް ބޮޑު ހަފުތާއެއް. ގަދަ 16 ގައި އަހަރެމެން އެމީހުންނާ (މެޑްރިޑް) އާ ވާދަކޮށް މޮޅުވެވިއްޖެ ނަމަ, އެއީ އަހަރެމެންގެ އެންމެ ބޮޑު ކާމިޔާބީ" އާން ސްލޮޓް އީއެސްޕީއެން އަށް ބުނެފައި ވެއެވެ.
ރިއެކްޝަންސް