ޗެމްޕިއަންސް ލީގު: 4-0 ން މޮޅުވެ ސިޓީގެ ބަލިނުވުމުގެ ސިލްސިލާ ކުރިއަށް
އިކާ ގުންޑޮގަން, ފިލް ފޮޑެން, އާލިން ހާލަންޑް އަދި ހަމޭސް މެކްއެޓީ ގެ ގޯލްތަކުން 4-0 ން މެންޗެސްޓަރ ސިޓީން, ސްލޮވަން ބްރަޓިސްލަވާގެ މައްޗަށް ކުރިހޯދައިފިއެވެ. މިއީ މި ސީޒަންގައި ޗެމްޕިއަންސް ލީގުގައި ސިޓީގެ ފުރަތަމަ މޮޅެވެ.
2023 ގެ ޗެމްޕިއަން ސިޓީން އަންގާރަ ދުވަހު ކުޅުނު މެޗާއެކު ދެ މެޗުން ހަތަރު ޕޮއިންޓް ވަނީ ހޯދާފައެވެ. ސީޒަން ހުޅުވި މެޗުގައި އަމިއްލަ ދަނޑުގައި އިންޓަ މިލާނާ ވާދަކުރި މެޗު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. ސްލޮވަން ވަނީ އެމީހުންގެ ފުރަތަމަ މެޗުގައި 5-1 ން ސެލްޓިކް ބަލިކޮށްފައެވެ.
މެޗަށްފަހު ސްލޮވަން ކޮޅަށް ގޯލްޖެހި ސިޓީގެ ފޮޑެން ބުނެފައިވަނީ ސްލޮވަން ބަލިކުރުން އުނދަގޫ ކަމަށާއި, އެމީހުނަށް އިޙްތިރާމް ހައްޤުކަމަށެވެ.
ސިޓީގެ ފުރަތަމަ ގޯލް މެޗުގެ އަށްވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އިކާ ގުންޑޮގަންއެވެ. އެއީ ފާއިތުވި ސީޒަންގައި ބާސެލޯނާއަށް ކުޅުމަށްފަހު އެނބުރި އައިސް ގުންޑޮގަން ސިޓީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
ފަނަރަ ވަނަ މިނިޓްގައި އިތުރު ގޯލެއްޖަހާ ސިޓީއަށް ލީޑު ފުޅާކޮށްދިނީ ފިލް ފޮޑެން އެވެ. ޖެރެމީ ޑޮކޫ ދިން ޕާހެއް ގޯލްގެ ތިރީ ކަނަށް ފޮނުވާލައިގެން ސިޓީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިން އިރު, އާލިން ހާލަންޑް ވަނީ 58 ވަނަ މިނިޓްގައި ސިޓީގެ ތިންވަނަ ގޯލް ކާމިޔާބުކޮށްފައެވެ. މިއީ ރިކޯ ލެވިސް ދިން ޕާހަކުން ކާމިޔާބުކުރި ގޯލެކެވެ. ސިޓީއަށް މެކްއެޓީ ޖަހައިދިން ފުރަތަމަ ގޯލް މެޗުގެ 74 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ފިލް ފޮޑެން ތަނަވަކޮށްދިން ފުރުޞަތެއްގައެވެ.
މި ނަތީޖާއާއެކު ޗެމްޕިއަންސްލީގުގައި ސިޓީން އެންމެ ފަހުން ކުޅުނު 25 މެޗުގެ ތެރެއިން އެންމެ މެޗަކުންވެސް ބައްޔެއް ނުވެއެވެ.
ރިއެކްޝަންސް