ކެރިއަރުގައި 900 ގޯލް ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑާއިއެކު ރޮނާލްޑޯ ޕޯޗުގަލްގެ ފެށުން ރަނގަޅުކޮށްދީފި
900 ވަނަ ގޯލް ޖެހީ ގައުމީ ޖަރޒީގައި ކްރޮއޭޝިޔާ ކޮޅަށް
ކެރިއަރުގައި އެންމެ މަތީފެންވަރުގައި ކުޅެ 900 ގޯލް ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ ޤާއިމްކޮށްފިއެވެ. ރޮނާލްޑޯގެ 900 ވަނަ ގޯލް ކާމިޔާބުކޮށްދިނީ ބުރާސްފަތިދުވަހު ނޭޝަންސް ލީގުގައި ޕޯޗްގަލް ކުޅުނު ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އާ ދެކޮޅަށެވެ.
39 އަހަރުގެ ފޯވާޑް މި ގޯލް ޖެހީ 34 ވަނަ މިނިޓްގައި ބޮކްސްގެ އަރިމަތިން ނުނޯ މެންޑޭޒް ނަގައިދިން ހުރަހަކުން ވަރަށް ފަސޭހަކަމާއެކު އެވެ. އޭގެ ކުރިން މެޗުގެ 7 ވަނަ މިނިޓްގައި ޕޯޗްގަލްގެ ފުރަތަމަ ގޯލް ޑިފެންޑަރު ޑިއޯގޯ ޑެލޮޓް ވަނީ ކާމިޔާބު ކޮށްދީފައެވެ. އެއީ ބުރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.
ފުރަތަމަ ހާފުގެ 41 ވަނަ މިނިޓްގައި ޑެލޮޓް އަތުން ބައިކޮޅަށް ވަން ގޯލާއެކު މެޗް ނިމުނީ 1-2 ނެ ނަތީޖާ އަކުން ޕޯޗްގަލް މޮޅުވެގެންނެވެ.
މީގެ 20 އަހަރު ކުރިން ޕޯޗްގަލްގެ ގައުމީ ޓީމަށް ކުޅެންފެށި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޕޯޗްގަލް ޤައުމީ ޓީމަށް މިހާތަނަށް 131 ގޯލް ކާމިޔާބުކޮށްދީފައެވެ. ރޭގެ މެޗުގައި ގޯލް ކާމިޔާބުކޮށްދިނުމަށްފަހު ޖަޒުބާތީވެފައިހުރި ރޮނާލްޑޯ ވަނީ ކުޑަކަކޫ މައްޗަށް ސަޖިދައަށް ވާގޮތަށް ތިރިވެ, ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
ސޯޝަލް މީޑިއާގެ އެކި މަންސްތަކުގައި ރޮނާލްޑޯ ވަރަށް ބޮޑަށް މިކަން ފާހަކޮށްފައެވެ. އޭނާ ބުނެފައިވަނީ މީ އޭނާ ދެކެމުންއައި ހުވަފެނެއްކަމަށާއި, އިތުރަށް ދެކޭ ހުވަފެންތަކެއްވެސް ހުރިކަމަށްބުނެ ޝުކުރު އަދާކޮށްފައެވެ.
ރޮނާލްޑޯގެ ކެރިއަރުގެ ގޯލްތައް ޖަހާފައިވަނީ އޭނާ ކުރިން ކުޅުނު ސްޕޯޓިން ލިސްބަން, މެންޗެސްޓަރ ޔުނައިޓަޑް, ރިއަލް މެޑްރިޑް, ޔުވެންޓަސް އަދި މިހާރު އޭނާ ކުޅެމުން އަންނަ ސައޫދި އެރޭބިއާގެ އަލް.ނަޞްރަށެވެ.
މެޗުން ޕޯޗްގަލް މޮޅުވެ, ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ލީގުގެ ގްރޫޕް އޭގެ އެއްވަނައިގައި އޮތީ ޕޮލަންޑްއެވެ. ޕޮލަންޑް ސްކޮޓްލޭންޑާއި ވާދަކުރި މެޗުން ފަހު ވަގުތު ލިބުނު ޕެނަލްޓީ ޕޮލަންޑުން ކާމިޔާބު ކުރުމާއި އެކު ސްކޮޓްލޭންޑް ވަނީ 3-2 ން ހިތްދަތި ގޮތަކަށް ބަލިވެފައެވެ.
ރިއެކްޝަންސް