ކްރިސްޓަލް ޕެލަސް އަތުން މެންޗެސްޓަރ ޔުނައިޓަޑަށް މޮޅެއް ނުވެވުން
ކްރިސްޓަލް ޕެލަސް އަތުން މެންޗެސްޓަރ ޔުނައިޓަޑަށް މޮޅެއް ނުވެވި އެއްވަރުވެއްޖެ އެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު މިދެޓީމް ވާދަކުރި މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.
މުޅި މެޗު ޑޮމިނޭޓްކޮށްގެން ޔުނައިޓަޑުން ކަޅުނަސް ގޯލެއް ޖެހުމުގައި ކާމިޔާބެއް ނުހޯދުނެވެ. ފޮއިންޓަކުން ފުއްދާލަން ޖެހުމަކީ ޔުނައިޓަޑަށް ލިބުނު މާޔޫސްކަމެވެ. ޙާއްސަކޮށް މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓަޑުން ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. އަލްހެންޑްރޯ ގަނާޗޯ އާއި ބްރޫނޯ ފެންނާންޑޭޒްގެ ބާރު ހަމަލާތަކެއްވެސް ފުރަތަމަ ހާފުގައި ފެނިގެން ދިޔައެވެ.
ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ގޯލެއް ޖަހާ ޔުނައިޓަޑްގެ މައްޗަށް ކުރިހޯދޭތޯ ކްރިސްޓަލް ޕެލަސްއިންވެސް ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް ބަލިވެފައިވާ ޕެލަސްއަށް ޔުނިޓަޑްގެ ގޯލް ފޫ އަޅުވާލެވޭ ގޮތެއްނުވިއެވެ.
ފުރަތަމަ ހާފުގައި ޔުނައިޓަޑްގެ ގޯލްކީޕަރު އޮނާނާއަށް ބޯޅައެއްގައި އަތްލާން ނުލިބުނު ނަމަވެސް ފަހު ހާފުގައި ކްރިސްޓަލް ޕެލަސްގެ ކުޅުންވަނީ ވަރަށް ބޮޑަށް ރަނގަޅަކޮށްފައެވެ. އޮނާނަ ވަނީ ފަހު ހާފުގައި ރަނގަޅު ސޭވެއްވެސް ކޮށްފައެވެ.
މެޗަށްފަހު އޮނާނާ ބުނެފައިވަނީ މޮޅަށްކުޅެ ގިނަ ޗާންސް ކްރިއޭޓް ކުރިނަމަވެސް ހުސްއަތާ އެނބުރި ދާންޖެހުމަކީ ވަރަށްބޮޑު މާޔޫސްކަމެއްކަށެވެ.
މި ނަތީޖާ އާއެކު ޔުނައިޓަޑް ތާވަލްގެ 11 ވަނައިގައި އޮތީ 7 ޕޮއިންޓާއެކުއެވެ. ކްރިސްޓަލް ޕެލަސް ތިން ޕޮއިންޓާއެކު އޮތީ ތާވަލްގެ 16 ވަނައިގައެވެ.
ރިއެކްޝަންސް