ތަށި ގެއްލުނަސް ގައުމީ އަންހެން ވޮލީބޯޅަ ޓީމުން އެންމެންގެ ލޯބި ހޯދައިފި
ޗެމްޕިއަންކަން ހޯދީ ކިރްގިސްތާން: ފޮޓޯ-ރައީސް އޮފީސް

ތަށި ގެއްލުނަސް ގައުމީ އަންހެން ވޮލީބޯޅަ ޓީމުން އެންމެންގެ ލޯބި ހޯދައިފި

7 days ago - 06:41

ތަށި ގެއްލުނަސް ގައުމީ އަންހެން ވޮލީބޯޅަ ޓީމުން އެންމެންގެ ލޯބި ހޯދައިފި އެވެ. ކާވާ ވިމެންސް ވޮލީބޯޅަ ޗެލެންޖް ކަޕްގެ ފައިނަލްގައި ވަރަށް ވާދަވެރި ކުޅުމަކަށްފަހު ކިރްގިސްތާނު އަތުން 3-2 ސެޓުން ބަލިވެ, ރާއްޖެއަށް ރަން މެޑަލްގެ ފުރުޞަތު ގެއްލުނަށް ރާއްޖޭގެ ޓީމުން ވަރަށް މޮޅަށް ކުޅުނެވެ. އަދި ވަރަށް ވާދަވެރި ކުޅުމެއް މުޅި މެޗުގައިވެސް ދެއްކިއެވެ.

މެޗުގެ ފުރަތަމަ ސެޓް ކިރްގިސްތާނުން ގެންދިޔައީވެސް ވާދަވެރި ކުޅުމަކަށްފަހު 25-17 ނެވެ. ފުރިބާރުވެފައި އޮތް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ސަޕޯޓަރުން ދެމުންދިޔަ ވަރުގަދަ ސަޕޯޓާއެކު ދެވަނަ ސެޓް 26-24 ން ރާއްޖެއިން ހޯދިއެވެ. ތިންވަނަ ސެޓް އަނެއްކާވެސް ގެންދިޔައީ ކިރްގިސްތާނެވެ. އެއީ 25-18 ނެވެ. ދޫނުދީ ކުޅެ ހަތަރުވަނަ ސެޓް 25-22 ން ރާއްޖޭގެ ޓީމުން ހޯދިއެވެ. ނަތީޖާ ނެރެން ކުޅުނު ފަހު ސެޓްގައިވެސް ވަރުބަލި ކަމާއެކުވެސް ރާއްޖޭގެ ކުޅުންތެރިން ހިތްވަރު ކުރިއެވެ. އެކަމަކު 15-9 ން ސެޓް ހޯދާ ކިރުގިސްތާނުން ޗެމްޕިއަންކަން ހޯދިއެވެ.

މުބާރާތުގެ ޑްރީމް ޓީމްގައި ރާއްޖޭގެ ދެ ކުޅުންތެރިން ހިމެނުނެވެ. އެއީ ސެޓަރު ފާތިމަތުނ ޖޫޒާން ޒަރީރު އާއި އާމިނަތި ޝަހާ ޝާމިން އެވެ. ޑްރީމް ޓީމްގައި ދެން ހިމެނުނީ ކަޒަކިސްތާންގެ ކީޒީ ރޯޒާ އާއި, އާމިރަކުލޯވާ ސައިކަލް އާއި, ކިރްގިސްތާނުގެ ލިބަރޯ ސެއިޓްބެކޯވާ އަސިމާ އާއި ތަޖަކިސްތާނުގެ ގޯޑޯފަރީދް އަގްނަޒަރޯވާ އާއި އަފްޣާނިސްތާނުގެ މުހައްމަދީ ރޮގްހާޔޭ އެވެ. މުބާރާތުގެ ތިންވަނަ ހޯދީ ތަޖަކިސްތާނެވެ. މުބާރާތުގައި ވާދަކުރީ ހަތަރު ގައުމެވެ.

Advertisement

ރާއްޖެ މުބާރާތުގައި ބަލިވީ ހަމައެކަނި ކިރްގިސްތާން އަތުންނެވެ. އެޓީމް އަތުން ލީގު ބުރުގައި ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މުބާރާތުގެ ތަށި ގެއްލުނަސް ރާއްޖޭގެ އަންހެން ވޮލީ ޓީމް މުބާރާތުގައި ދެއްކި ހިތްވަރާއި, މޮޅު ކުޅުމަށް އެންމެން ކުރަނީ ތައުރީފެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow