މާފުށިން އޭދަފުށި ސިއްސުވާލައިފި
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ކ.މާފުށިން ފުޓްބޯޅައިގެ ތަރިން ހިމެނޭ އޭދަފުށި ސިއްސުވާލައިފި އެވެ.
ކުޅުނު ތިން މެޗުންވެސް މޮޅުވެ, ގްރޫޕް ސްޓޭޖްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރާ ކުރިމަތިލީ އޭދަފުށީގެ މައްޗަށް ކުރި ހޯދާ މާފުށިން ވަނީ ކްއާޓާ ފައިނަލްގެ ފުރުޞަތު ބޮޑުކޮށްފައެވެ. މެޗު މާފުށިން ކާމިޔާބުކުރީ 2-0 ނެވެ.
މެޗުގެ ފުރަތަމަ ހާފްގައި މާފުށްޓަށް ލީޑް ނަގައިދިނީ އިބްރާހީމް އަތީގް ހަސަން އެވެ. ފުރަތަމަ ޑިވިޝަންގައިވެސް ކުޅޭ އަތީގް ލަނޑު ޖެހީ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ކާމިޔާބުކޮށްގެންނެވެ. މާފުށީގެ ދެވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައެވެ. ލަނޑު ޖެހީ އިސްމާއީލް މަފާޒު އިބްރާހީމް އެވެ. މެޗުގެ އިތުރު ވަގުތުގައި އޭދަފުށީގެ ކީޕަރު އަލީ އަޖްފާން އަމްޖަދު އަށް ވަނީ ރަތްކާޑް ދައްކާފައެވެ. އެއީ އޭރިޔާ ތެރެއަށް ވަންނަން ދިޔަ މާފުށި ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
އަހުމަދު ޝަރީފް (ޑުންގާ) ގެ އިރުޝާދުގެ ދަށުން ވާދަކުރާ މާފުށި މެޗުން މޮޅުވީ މޮޅަށެ ކުޅެ, މާފުށީ ސަޕޯޓަރުންގެ ސަޕޯޓާއެކުއެވެ.
މާފުށްޓާއި, އޭދަފުށީގެ އިތުރުން ގްރޫޕް އެފްގައި ހިމެނެނީ ހއ.ދިއްދޫ އެވެ. ތިން ޓީމްގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ކްއާޓާ ފައިނަލަށް ދަތުރުކުރާނެއެވެ. މުބާރާތުގައި މިއަދު ހަވީރު ވާދަކުރާނީ އައްޑޫ ސިޓީއާއި ދ.މީދޫ އެވެ.
ރިއެކްޝަންސް