10 ކުޅުންތެރިންނާއެކު މެންޗެސްޓަރ ޔުނައިޓަޑުން ޓޮޓްނަމް އަތްދަށުވެއްޖެ
އިނގިރޭސި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ މެންޗެސްޓަރ ޔުނައިޓަޑް އާއި ޓޮޓްނަމް ބައްދަލު މެޗު 0-3 ން ޓޮޓްނަމް ކާމިޔާބުކޮށްފިއެވެ. ފުރަތަމަ ހާފުގައި ޔުނައިޓަޑްގެ އެޓޭކިން މިޑްފީލްޑަރ ބުރޫނޯ ފެނާންޑޭޒް އަށް ދެއްކި ރަތްކާޑާއެކު ޔުނައިޓުޑުން މެޗު ފުރިހަމަކުރަންޖެހުނީ ދިހަ ކުޅުންތެރިންނާއެކުއެވެ.
ޓޮޓްނަމްގެ މެދުތެރެއަށް ކުޅެމުން އަންނަ ހަމޭސް މެޑިސަން އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އިނގިރޭސި ރެފްރީ, ކްރިސް ކަވަނާ ވަނީ ބްރޫނޯ އަށް ސީދާ ރަތްކާޑެއް ދައްކާފައެވެ. އެއި މެޗުގެ 42ވަނަ މިނިޓްގައެވެ.
މެޗުގެ ތިންވަނަ މިނިޓްގައި ފުރަތަމަ ގޯލްޖަހާ ޓޮޓްނަމްއިން ވަނީ ލީޑު ނަގާފައެވެ. ވެން ޑެ ވެން ތަނަވަސްކޮށްދިން ފުރުޞަތުގައި ޓޮޓްނަމްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ބްރެނަން ޖޯންސަން އެވެ. ޓޮޓްނަމްއަށް ލީޑު ފުޅާކޮށްދޭން އެހީތެރިވީ ވެސް އޭނާއެވެ. ޖޯންސަން ތަނަވަސްކޮށްދިން ފުރުޞަތު ގޯލާ އަމާޒުކޮށް ޓޮޓްނަމްގެ ދެވަނަ ގޯލް 47 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޑެހާން ކުލުސެވްސްކީ އެވެ. ޓޮޓްނަމްގެ ތިންވަނަ ގޯލް މެޗުގެ 77 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ޑޮމިނިކް ސޮލާންކޭ އެވެ.
އެއްކުޅުންތެރިއަކު މަދުކޮށް ފަހު ހާފުގައި ޔުނައިޓެޑުން ފެނިގެންދިޔައީ ޕްރެޝަރު ބޮޑު އަދި ދަށް ކުޅުމެކެވެ. ޓޮޓްނަމް މެޗުގެ ކުރިން ޕްރިމިއަރ ލީގުގައި ޔުނައިޓެޑުން ކުޅުނު މެޗުވެސް އެއްވަރުވެފައިވާއިރު, ޔުނައިޓަޑް މިހާރުވެސް އޮތީ ތާވަލްގެ 12 ވަނަގައި އެންމެ ހަތް ޕޮއިންޓާއެކުއެވެ.
ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހު އެސްޓަންވިލާ އާއި އިޕްސްވިޗް ޓައުން ބައްދަކުރި މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ.
ރިއެކްޝަންސް