އިއްތިހާުދު ސްޓޭޑިއަމްގައި ޑީ ބްރޭނާ ގެ ވަދާއީ މެޗުން ސިޓީ މޮޅުވެ ތާވަލްގެ ތިންވަނައަށް
ސިޓީގެ ކުޅުންތެރިން ޑީ ބްޜޭނާ އުފުލާލަނީ. ފޮޓޯ: ޕްރިމިއަރ ލީގު

އިއްތިހާުދު ސްޓޭޑިއަމްގައި ޑީ ބްރޭނާ ގެ ވަދާއީ މެޗުން ސިޓީ މޮޅުވެ ތާވަލްގެ ތިންވަނައަށް

8 މަސް ފަހުން ރޮޑްރީވެސް ވަނީ ކުޅުމުގެ ތެރެއަށް އެނބުރި އައިސްފައި

5 hours ago - 07:16
May 21, 2025 - 09:17

ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ސިޓީން ބާންމައުތުގެ މައްޗަށް 3-1 ން ކުރި ހޯދާ ތާވަލްގެ ތިންވަނައަށް ޖެހިލައިފިއެވެ. މިއީ އިއްތިހާދު ސްޓޭޑިއަމްގައި ކެވިން ޑީ ބްރޭނާގެ ފަހު މެޗުވެސް މެއެވެ. 

ނަތީޖާ އާއެކު ތާވަލްގެ ތިންވަނަ ސިޓީއަށް ލިބެނީ 68 ޕޮއިންޓާއެކުއެވެ. އެއީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައަކަށް ވިއްދާފައިތިބި ޗެލްސީ, އެސްޓަންވިލާ އަދި ނިއުކާސަލް ޔުނައިޓަޑަށްވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ޕްރިމިއަރ ލީގުގެ ގަދަ ފަސް ޓީމް ވާދަކުރާނެއެވެ.

މެޗުގެ 67 ވަނަ މިނިޓްގައި ސިޓީގެ މަޓެއޯ ކޮވަސިޗް އަދި 73 ވަނަ މިނިޓްގައި ބާންމައުތުގެ ލެވިސް ކުކްއަށް ދެއްކި ރަތްކާޑާއި އެކު ދެޓީމުން ވެސް މެޗު ނިންމާލީ ދިހަ ކުޅުންތެރިންނާއެކުއެވެ. ކޮވަސިޗް ވަނީ ސިޓީގެ ފުރަތަމަ ގޯލް ކާމިޔާބު ކުރުމުގައި އެހީތެރިވެފައެވެ. 

ރޭގެ މެޗު ހާއްސަކުރެވިފައިވަނީ ފާއިތުވި 10 އަހަރު ސިޓީގެ މެދުތެރެ ބެލެހެއްޓި ޑީ ބްރޭނާ އަށެވެ. ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޖަޒުބާތީ މެޗުގެ 69 މިނިޓް އޭނާ ކުޅުނެވެ. ސިޓީގެ ސަގާފަތާ އެއްގޮތަށް ޑީބްރޭނާގެ ކްލަބުގެ ތާރީޙް ފެންނަ އާޓް ޕީސްއެއް ވެސް ދަނޑުގައި ވަނީ ބަހައްޓާފައެެވެ. ސިޓީގެ ހުރިހާ ކުޅުންތެރިން ވަނީ ޑީ ބްރޭނާއާއެކު އިއްތިހާދު ސްޓޭޑިއަމްގެ ފަހު މެޗު ސެލެބްރޭޓް ކޮށްފައެވެ.

Advertisement
Advertisement

ކުޅުންތެރިންވަނީ ޑީބްރޭނާ ގައިގައި ބައްދާ, އޭނާ މައްޗަށް އުކާ ސްޓޭންޑިން އޮވޭޝަން އެއްވެސް ދީފައެވެ. ފޭނުންވަނީ 'ކިންގް ކެވް' ޖަހާހައިވާ ޕޯސްޓާރާއެކު ދަނޑުމަތީގައި އެއަޑުވެސް ގުގުމާލާފައެވެ.

ބެލްޖިއަމްގެ ކުޅުންތެރިޔާއަށް މެޗުގައި ގޯލެއް ޖަހާނެ ރަނގަޅު ފުރުޞަތެއްވެސް ލިބުނެވެ. އޮމްރް މަރްމޯޝް ނަގައިދިން ހުރަސް ވަރަށް ކައިރީގައިހުރެ ޑީބްރޭނާ ގޯލަށް ފޮނުވާލި ނަަމަވެސް ބޯޅަ ޖެހުނީ ހުރަސް ދަނޑީގެ ތިރީގައެވެ.

"ވަރަށް ގޯސްވީ މި. އަހަރެން ދައްކާނެ ބަހަނާއެއް އެއް ނެތް. އަަހަރެންގެ ފިރިހެން ދަރިފުޅު މިއަދު އޭގެ ވަރުދައްކާލާނެ އަހަންނަށް" ގޯލް ނުޖެހުމުން ޤަބޫލު ނުކުރެވިފައި ހުރި ޑީބްރޭނާ މެޗަށް ފަހު ބުނެފައިވެއެވެ.

2015 ވަނަ އަހަރު ސިޓީ އާ ގުޅުނު ޑީ ބްރޭނާ ކްލަބާއެކު 16 ތައްޓެއް އުފުލާލާފައި ވެއެވެެ. އޭގެ ތެރޭގައި 6 ޕްރިމިއަރ ލީގާއި 2023 ގެ ޗެމްޕިއަންސް ލީގުވެސް ހިމެނެއެވެ.

މެޗުގެ 14 ވަނަ މިނިޓްގައި ސިޓީއަށް ލީޑު ނަގައިދިނީ އޮމަރް މަަރްމޯޝްއެވެ. 38 ވަަނ މިނިޓްގައި އިކާއި ގުންޑޮގަން ތަނަވަސްކޮށްދިން ފުރުޞަތުގައި ސިޓީއަށް ލީޑު ފުޅާކޮށްދިނީ ބެނާޑޯ ސިލްވަރ އެވެ. ސިޓީގެ ފަހު ގޯލް 89 ވަނަ މިނިޓްގައި ނިކޯ ގޮންޒަލޭޒް ކާމިޔާބުކުރީ މެތުއުސް ނުނޭޒް ގެ އެހީތެރިކަމާއެކު އެެވެ.  ބާންމަތުގެ ހަމައެކަނި ގޯލް ކާމިޔާބުކުރީ މެޗުގެ އިތުރުވަގުތުގެ 8 ވަނަ މިނިޓްގައެވެ. 

އަނިޔާގެ ސަބަބުން 8 މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު ރޭގެ މެޗުގައި ރޮޑްރީ ވަނީ ކުޅުމުގެ ތެރެއަށް އެނބުރި އައިސްފައެވެ. މެޗުގެ 83 ވަނަ މިނިޓްގައި ރޮޑްރީ ކުޅެން ނިކުތީ އާލިންގ ހާލަންޑްގެ ބަދަލުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow