
އަންޗެލޮއްޓީގެ ބްރެޒިލް ޑީލަށް ރެއާލުން ހުރަސްއަޅަނީ: މަސްދަރުތައް
ރެއާލް މެޑްރިޑުން ކޯޗު ކާލޯ އަންޗެލޮއްޓީ ކްލަބް ދޫކޮށްލަން އުޅޭ ވަގުތާމެދު ހިތްހަމަނުޖެހި މާލީގޮތުން އެކަމަށް ހުރަސްއަޅަމުންދާކަމަށް މަސްދަރުތައް ބުނެފިއެވެ. އަންޗެލޮއްޓީ ބްރެޒިލްގެ ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން އުޅޭކަމަށް ދެކެވޭ ވާހަކަތަކުގެ އަޑު ގަދަފެވައިވާ ދަނޑިވަޅުގައި ރެއާލުން އަންޗެލޮއްޓީ 'މިވަގުތު' ދޫކުރަން އެއްބަސްނުވުމާއި އެކު "ޑީލަށް" ހުރަސްއެޅިފައިވާ ކަމަށްވެސް މަސްދަރުތައް ބުނެއެވެ.
ހޯމަ ދުވަހު ބްރެޒިލް ފެޑެރޭޝަންގެ އޮފިޝަލުންނާ ހަވާލާދީ އަންޗެލޮއްޓީ އެޤައުމުގެ ޤައުމީޓީމުގެ ކޯޗުކަމާ ހަވާލުވުމަށް ކުރާ މަސައްކަތުގައި ކުރިއެރުންތަކެއް ލިބެމުންދާކަމަށް އީއެސްޕިއެން އިން ރިޕޯޓްކުރިއެވެ. އަދި ޖޫން މަހު ވޯލްޑްކަޕް ކޮލިފައިންސްގައި ބްރެޒިލްއާއކު އަންޗެލޮއްޓީ ހުރުން ގާތްކަމަށްވެސް ބުނެފައި ވެއެވެ.
ނަމަވެސް ހަބަރުތައް ބުނާގޮތުން 2026 ގައި ހަމަވާ އަންޗޮލެއްޓީގެ އެއްބަސްވުމުގެ ބާކީބަޔަށް ދޭންޖެހޭ މުސާރަ ދިނުމަށް ރެއާލުން މިހާރުވަނީ ދެކޮޅުހަދާފައެވެ. އެހެންކަމުން އަންނަ ހަފުތާގައި ބްރެޒިލްއާއެކު ރަސްމީ އެއްބަސްވުމަށް ދިއުމަށް އޮތް މަގު މިހާރު ވަނީ ބަންދުވެފައި ކަމުގައިވެސް މަސްދަރުތައް ބުނެއެވެ.
ބްރެޒިލްއާއެކު އަނގަބަހުން އަންޗޮލެއްޓީ އެއްބަސްވުމަށް މިހާރު ވަނީ އައިސްފައެވެ. އެހެންނަމަވެސް ރެއާލުން އެކަމަށް ހުރަސްއަޅަމުން ދާތީވެ, މިހާރު ސްޕެއިންގައި ތިބި ބްރެޒިލް ފެޑެރޭޝަންގެ ވަފުދުން ދަނީ އަންޗެލޮއްޓީއަށް ޕްރެޝަރު ވީހާވެސް ކުޑާވާނެ ގޮތަށް ރެއާލްއާ އެކު މަޝްވަރާއަށް ދިއުމަށް ތައްޔާރުވަމުންނެވެ.
އަންޗެލޮއްޓީއަކީ ރެއާލްގެ ތާރީޚްގައިވެސް އެންމެ ކާމިޔާބު ކޯޗެވެ. ބާނަބެއުގައި އޭނާ ހޭދަކުރި މުއްދަތުގެ ތެރޭގައި ރެއާލަށް ތިން ޗެމްޕިއަންސް ލީގާއި ދެ ލަލީގާ ކާމިޔާބުކޮށްދީފައި ވެއެވެ. ނަމަވެސް މިހާރު ކުރިއަށްދާ ސީޒަނަކީ ރެއާލް އަށް ދަށް ސީޒަނެކެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައޮ އާސެނަލް އަތުން ބަލިވެ. މެޑްރިޑް ވަނީ ސްޕެނިޝް ކަޕުގެ ފައިނަލްގައި ފަހު ވަގުރު ބާސެލޯނާ އަތުންވެސް ބަލިވެފައެވެ. ލަލީގާގައި ރެއާލް އޮތީ ތާވަލްގެ ކުރީގައި އޮތް ބާސެލޯނާއަށް ވުރެ ހަތަރު ޕޮއިންޓް މަދުކޮށެވެ. ލީގުގައި ބާކީ ދެން އޮތީ ފަސް މެޗެވެ.
އަނެއްކޮޅުން ބްރެޒިލްގެ ޤައުމީޓީމުގައި މާޗު މަހުން ފެށިގެން ކޯޗެއް ނެތެވެ. ވޯލްޑްކަޕް ކޮލިފައިންސްގައި 4-1 ން އާޖެންޓީނާ އަތުން ލަދުވެތި ގޮތަކަށް ބްރެޒިލް ބަލިވި މެޗަށްފަހު އޭރުގެ ކޯޗު ޑޮވީރަލް ޖޫނިއަރ ވަނީ މަޤާމުން ވަކިކޮށްފައެވެ.
ރިއެކްޝަންސް






