
ޝަހީމް އެނބުރި އަދާލަތަށް, އެޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވައިފި
އަދާލަތު ޕާޓީގެ އެއް މުއައްސިސް އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު އަލުން އެޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވައިފިއެވެ.
ޝަހީމް އެކްސްގައި ވިދާޅުވީ އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަށްފަހު, މިއަހަރު ފަހުކޮޅު އޮންނަ އެޕާޓީގެ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރައްވަންވެސް ނިންމަވާފައިވާ ކަމަށެވެ.
" އެޕާޓީގެ ސީނިއަރ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އަޅުގަނޑު ޚިދުމަތްކުރި އަދާލަތު ޕާޓީއަށް އަލުން ވަނުމަށް ނިންމައިފީމެވެ. މިއަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި އަޅުގަނޑު ވާދަކުރާނަން. އިންޝާ ﷲ." ޝަހީމް ވިދާޅުވިއެވެ.
ޝަހީމްގެ އެނިންމެވުމަށް އަދާލަތުގެ ޕާޓީގެ އިލްމްވެރިންގެ މަޖިލިހުގެ މެމްބަރުންނާއި މަޝްވަރާ މަޖިލިހުގެ މެމްބަރުން ގެންދަވަނީ މަރުހަބާ ދަންނަވަމުންނެވެ. އޭގެތެރޭގައި ޑރ.އިލްޔާސް ހުސައިން އާއި ޑރ.އަހުމަދު އިޔާޒު އާއި ޝައިޚު މުޙައްމަދު ޝިފާން އާއި ހުސައިން އަންސާރު އާއި ޝައިހު އަނީލް ހިމެނިވަޑައިގަންނަވައެވެ.
އަދާލަތު ޕާޓީ އަކީ މިސަރުކާރުގެ ބައިވެރިއެއް ނޫނެވެ. މިދިޔަ ސަރުކާރު ނިމެންދެން އެސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އަދާލަތު އޮތެވެ. އަދި މިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު މަސައްކަތް ކުރިއެވެ. މިދިޔަ ސަރުކާރުގައި ހޯމް މިނިސްޓަރަކީ އަދާލަތު ޕާޓީގެ ރައީސް ޝައިޚު ޢިމްރާން ޢަބްދުالله އެވެ. އަދިވެސް އަދާލަތު ޕާޓީގެ ރައީސްއަކީ އިމްރާން އެވެ.
ރިއެކްޝަންސް






