
މުލީ އެއަޕޯރޓްގެ ފެށުމަކީ މިހާރުގެ ރައީސް މުއިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި މުލީގެ ބިން ހިއްކަން ފެށުން- މުއްތަލިބު
މުލީ އެއަޕޯރޓްގެ ފެށުމަކީ މިހާރުގެ ރައީސް ޑރ.މުޙައްމަދު މުއިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި މުލީގެ ބިން ހިއްކަން ފެށުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.ޢަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ. މުލީ އެއަޕޯރޓް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ އެއަޕޯރޓްގެ އެންމެ ބޮޑު ކްރެޑިޓެއް މިނިސްޓަރ ދެއްވީ ރައީސް ޑރ.މުޙައްމަދު މުއިއްޒަށެވެ.
މިނިސްޓަރ މުއްޠަލިބު ވިދާޅުވީ މުލީ އެއަޕޯރޓްގެ ފެށުމަކީ 2014 ވަނަ އަހަރު އެރަށުގެ ބިން ހިއްކަން ފެށުން ކަމަށެވެ. ރައީސް ޔާމީންގެ ދައުރުގައި ބިން ހިއްކަން ފެށިއިރު ހައުސިންގ މިނިސްޓަރަކީ މިހާރުގެ ރައީސް ޑރ.މުޙައްމަދު މުއިއްޒެވެ.
މުލީ އެއަޕޯރޓް ހުޅުވުނީ ބިން ހިއްކަން ފެށިތާ 11 އަހަރު ފަހުންނެވެ. މުލީ އެއަޕޯރޓް އެޅުމުގެ މަސައްކަތް ފެށީ މިދިޔަ އެމްޑީޕީ ސަރުކާރުގައެވެ. މިއީ 2022 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ނިންމި އެއަޕޯޓެކެވެ.
މިނިސްޓަރ މުއްޠަލިބު ވިދާޅުވީ މިއީ 2014 ވަނަ އަހަރު ބިންހިއްކަން ފެށުނު މަޝްރޫއު ތަފާތު އެކި މަރުހަލާތައް ކުރިއަށްގޮސް, 11 އަހަރު ފަހުން ކޮމާޝަލް ފްލައިޓް ޖެއްސުމުގެ ހުއްދަ ލިބި އެއަޕޯރޓް ރަސްމީކޮށް ހުޅުވިގެން ދާ ދުވަސް ކަމަށެވެ. މުލީ އެއަޕޯރޓަކީ ވަރަށްގިނަ ފަރާތްތަކެއްގެ ބުރަ މަސައްކަތްކަން ފާހަގަކުރައްވާ ވިދާޅުވީ މިއަދު އެއަޕޯރޓް ހުޅުވިގެންދަނީ ދިވެހިރައްޔިތުންނަށް ތަރައްޤީގެ ފޮނި މީރުކަން ގެނެސްދެއްވުމަށް ކެތްމަދުވެފައިވާ ވެރިއެއްގެ މަސައްކަތުން ކަމަށެވެ.
" އަޅުގަނޑު މަގާމާ ހަވާލުވިފަހުން އެންމެ މުހިއްމު އިސްކަމެއް ދީގެން ނިންމަވަން ރައީސުލްޖުމްހޫރިއްޔާ އެންގެވި އެއް މަޝްރޫއަކީ މުލީ އެއަޕޯރޓްގެ މަޝްރޫޢު. " ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިސަރުކާރު ހަވާލުވިއިރު އެއަޕޯރޓްގެ ބޮޑު ވޭރިއޭޝަނެއްގެ މަސައްކަތް ރޭވި, އެޕްރޫވް ނުކުރެވި އޮތް ކަމަށެވެ. އަދި މަސައްކަތްވެސް އޮތީ ވަރަށް ބޮޑަށް ހުއްޓިފައި ކަމަށާއި, މަސައްކަތް އަވަހަށް ނިންމުނީ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމާ އެއްކޮށް ކުރެވުނު ބުރަ މަސައްކަތުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަސާރަ މަސް ދުވަހުން އެއަޕޯރޓް މުޅިން ނިންމާލެވުނީ އެމްޓީސީސީގެ ވަރަށް ބުރަ މަސައްކަތުންކަންވެސް މިނިސްތަރ މުއްޠަލިބު ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް






