 
                                    ރައީސް މުއިއްޒު އެނބުރި ވަޑައިގެންފި, މަޖިލިސް ރައީސް ފުރާވަޑައިގެންފި
ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤަޠަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ. 
މިމަހުގެ 15 ވަނަ ދުވަހު ޤަޠަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ ޢަރަބި - އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވިއެވެ. އެ މަނިކުފާނުގެ ތަޤްރީރުގައި ވިދާޅުވީ އިސްރާއީލުން ޤަޠަރަށް ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، އެއީ ސީދާ ސުލްޙައަށް ދިން ހަމަލާއެއް ކަމަށެވެ. އިސްލާމީ އުންމަތުގެ އެއްވެސް ޤައުމެއް، އެކަހެރި ޙާލަތެއްގައި ޢުދުވާނަކާ ކުރިމަތިލާންޖެހިގެން ނުވާނޭކަމަށް ވިދާޅުވެ، ޤަޠަރުގެ ސަރުކާރާއި އުޚުވަތްތެރި ރައްޔިތުންނަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުންދެއްވައި އެގޮތުގައި ދިވެހިރާއްޖެ ދެމިއޮންނާނޭ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓްގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަޠަރުގެ އަމީރު، ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީއާ ބައްދަލުކުރައްވާފައެވެ. 
މި ސަމިޓަކީ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެމްބަރު ގައުމުތަކުގެ ލީޑަރުން އެއްވެ، އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށް، ބައިނަލްއަގްވާމީ ގާނޫނުތައް ހިފެހެއްޓުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް މުސްލިމު އުއްމަތުގެ ޤައުމުތަކުގެ އަޑު އެކަތިގަނޑެއްގެ ގޮތުގައި އިއްވައި، ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށާއި ސަރަޙައްދީ އަމަންއަމާންކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއިން އިންސާނީ ކަރާމާތާއި، އިންސާފުގެ ދިފާޢުގައްޔާއި، އިސްތިޢުމާރާއި އަނިޔާގެ ބިރުވެރިކަމެއް ނެތި މިނިވަންކަމާއެކު ދިރިއުޅުމުގެ ޙައްޤަށް ގޮވާލައި އަޑުއުފުލުމަށް ލިބުނު ފުރުޞަތެއްކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ އެނބުރި ވަޑައިގެންންނެވި ވަގުތާ ދިމާކޮށް, ރަސްމީ ދަތުރެއްގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ މިއަދު ޕާކިސްތާނުގެ އިސްލާމް އާބާދަށް ވަޑައިގެންފައެވެ. މިއީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.
ރިއެކްޝަންސް
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                


 
         
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
     
                                
                                                                    





 
                                                                                                                                             
                                                                                                                                             
                                                                                                                                            
