
މަޖިލިހުގެ ޖަލްސާ 4 ޖަހާއިރު, އޭގެ ކުރިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުން!
މަޖިލިހުގެ ދައުރުން ބޭރުގެ ޖަލްސާ މިއަދު ހަވީރު 4 ޖަހާއިރަށް ތާވަލްކޮށް, އޭގެ ކުރިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމެއްވެސް ބާއްވަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ދައުރުން ބޭރު ޖަލްސާއެއް މިއަދު އޮންނާނެކަން އިއްޔެ ވަނީ މެމްބަރުންނަށް އަންގަވާފައެވެ. އަދި ޖަލްސާގެ ވަގުތު އެންގެވީ މިއަދު މެންދުރު އެވެ.
މަޖިލިހުގެ ޖަލްސާ ހަވީރު އޮންނާނެކަން އެންގެވިފަހުން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއްވެސް ވަނީ ތާވަލްކޮށްފައެވެ. އެކޮމިޓީގެ ބައްދަލުވުން އޮތީ 14:00 ގައެވެ. އެކޮމިޓީ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލް ދިރާސާކޮށް ނިންމުމެވެ.
އެބިލް ފާސްކުރާތީ މިއަދު ހެނދުނުން ފެށިގެން ރައްޔިތުންގެ މަޖިލިސް ކައިރީ ބައެއް ނޫސްވެރިންނާއި ސިޔާސީ ބައެއް ފަރާތްތަކުން ދަނީ އިހުތިޖާޖު ކުރަމުންނެވެ. ބިލް ފާސްކުރަން ބާރު އަޅާ ބައެއް ނޫސްވެރިން ބައިވެރިވި ފޯރަމެއް ރޭވެސް އޮތެވެ. އެފޯރަމްގައި ގޮވާލީ ބިލް ފާސްކުރުމަށެވެ. އަދި އެބިލަކީ ރަނގަޅު ބިލެއްކަމަށް ރޭގެ ފޯރަމްގައި ބައިވެރިވި ނުސްވެރިން ފާހަގަކުރިއެވެ.
ރިއެކްޝަންސް






