
މީޑިޔާ ބިލް ފާސްކޮށްފި
ދައުރުން ބޭރު ޖަލްސާގައި މީޑިޔާ ރެގިއުލޭޓް ކުރުމުގެ ބިލް ފާސްކޮށްފި އެވެ. ބިލް ފާސްކުރީ މިއަދު ކޮމިޓީގެ މަސައްކަތްވެސް ކުރިއަށްގެންގޮސް ހަވީރު ޖަލްސާ ބާއްވައިގެންނެވެ.
ބިލް ފާސްކުރީ 60 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓްދެއްވީ އެންމެ މެމްބަރެކެވެ. ބިލް ފާސްކުރީ ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުތަކާއެކުއެވެ.
ބިލްގެ ކޮމިޓީ ރިޕޯރޓްގެ ބަހުސް ކުރިއަށް ގެންދިޔައީ އެމްޑީޕީ މެމްބަރުންގެ އަޑުގަދަކުރުންތަކުގެ ތެރެއިންނެވެ. އަދި އެމްޑީޕީ ބައެއް މެމްބަރުންގެ ނަން އިއްވުމަށްފަހުއެވެ. ނަން އިއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމާއި, ކަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް އާއި ކެޔޮދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިއުޝާދު އާއި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އަދި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުގެ ނަމެވެ.
ކޮމިޓީ ރިޕޯރޓަށް ބަހުސް ކުރައްވަމުން ޕީއެންސީގެ ބައެއް މެމްބަރުން ވިދާޅުވީ މީޑިޔާގެ ބިލް ހަދަން ޖެހޭނީ މީޑިޔާ ބޭފުޅުން ބޭނުންވާ ގޮތަށް ނޫން ކަމަށެވެ. މީޑިޔާ ކޮންޓްރޯލް ކުރުމުގެ އެއްވެސް ކަމެއް ބިލްގައި ނޯންނާނެ ކަމަށް ވިދާޅުވިއެވެ. މީޑިޔާގެ މިނިވަންކަމަށް ބިލުން ހުރަހެއް ނޭޅޭނެ ކަމަށް އެމެމްބަރުން ވިދާޅުވިއެވެ.
ބިލް ފާސްކުރިއިރު ބިލާ އެއްކޮޅަށް އަދި ދެކޮޅަށް މަޖިލިސް ބޭރުގައި ދެ ސަރަހައްދެއްގައި ނޫސްވެރިންނާއި ޢާއްމުން އަޑު އުފުލަމުން ދިޔައެވެ.
ރިއެކްޝަންސް






