ސަރުކާރަށް 15 އަހަރު ދީފިނަމަ ޑޮލަރުގެ އަގު 10 ރުފިޔާއަށް ތިރިކުރެވޭނެ: މެންބަރު ފަލާހު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 15 ވަރަކަށް އަހަރު ދީފިނަމަ، ޑޮލަރުގެ ރޭޓު 10 ރުފިޔާއަށް ތިރިކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ޑޮލަރާއި ތަކެތީގެ އަގު ބޮޑުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ދޯހަޅި އިޤްތިޞާދީ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން އަށް ބިލިއަން ރުފިޔާ ޗާޕުކޮށް، ދައުލަތަށް ލިބުނު ފައިސާ ހުސްކޮށްލި ކަމަށާއި، ބޭރުން ނެގި ލޯނުތައް ބޭނުންކުރީ އާމްދަނީ ލިބޭނެ ފަދަ ކަންކަމަށް ނޫން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ފަލާހު ވިދާޅުވީ، ކުރީ ސަރުކާރުން އިޤްތިޞާދީ ކަންކަން ހިންގީ ގާތް މީހުންނަށް ފައިސާ ބަހާލައިގެން، ތާކުންތާކު ނުޖެހޭ ގޮތަށް ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ވެރިކަން 10 ނުވަތަ 15 އަހަރަށް ދެމިގެން ގޮސްފިނަމަ، އިރާދަކުރެއްވިއްޔާ ޑޮލަރުގެ އަގު 10 ރުފިޔާގައި ހިފެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިއެކްޝަންސް

