އަންނަ އަހަރު ގެދޮރު ބިނާކުރުމަށް ޕީއެސްއައިޕީން 1.42 ބިލިއަން ރުފިޔާ ކަނޑައަޅައިފި
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޕަބްލިކް ސެކްޓަރ އިންވެސްޓުމެންޓު ޕްރޮގުރާމް (ޕީއެސްއައިޕީ) އަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާގެ ތެރެއިން، އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.42 ބިލިއަން ރުފިޔާ ޚާއްޞަކޮށްފިއެވެ.
މާލީ ވުޒާރާއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން، ގެދޮރާއި ޖަމާއަތުގެ އަސާސީ ވަސީލަތްތައް ގާއިމުކުރުމަށް ޖުމްލަ 1.47 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ ތެރެއިން 96 އިންސައްތަ ފައިސާއަކީ ސީދާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ގެދޮރު ބިނާކުރުމަށް ޚާއްސަކޮށްފައިވާ ބަޖެޓެވެ. މިއީ މުޅި ޕީއެސްއައިޕީ ބަޖެޓުގެ 17 އިންސައްތައަށްވުރެ ބޮޑު އަދަދެކެވެ.
ހިނގަމުންދާ އަހަރުގެ ނިޔަލަށް އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ގެދޮރު ބިނާކުރުމަށް ހޭދަވާނެ ކަމަށް ލަފާކޮށްފައިވަނީ 444.3 މިލިއަން ރުފިޔާއެވެ. އެހެންކަމުން، އަންނަ އަހަރު މި ދާއިރާއަށް ކަނޑައެޅި 1.42 ބިލިއަން ރުފިޔާއަކީ މި އަހަރާ އަޅާބަލާއިރު 207 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
ޕީއެސްއައިޕީ ބަޖެޓުން ގެދޮރު ބިނާކުރުމަށް ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވާއިރު، ޖުމްލަ ބަޖެޓުން ބޯހިޔާވަހިކަމުގެ ދާއިރާއަށް ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން، އަސާސީ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތަށް ޕީއެސްއައިޕީން ހާއްސަކުރި ފައިސާގެ ތެރެއިން ފެން އުފައްދާ ޕްލާންޓުތަކާއި ފެނުގެ ނިޒާމު ގާއިމުކުރުމަށް 41.9 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އަދި ހިޔާވަހިކަމާއި ޖަމާއަތާ ބެހޭ އިދާރީ އިމާރާތްތަކާއި އެފަދަ ނިޒާމުތައް ތަރައްގީކުރުމަށް ފަސް މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް އިސްކަންދެއްވާފައިވާ މި ދަނޑިވަޅުގައި، ބަޖެޓުގައި މި ދާއިރާއަށް ބޮޑު އިސްކަމެއް ދީފައިވާކަން ފާހަގަކުރެވެއެވެ.
ރިއެކްޝަންސް





