"ވިޒިޓް މޯލްޑިވްސް އިޔަރ 2027" ފެއާ ރަސްމީކޮށް ލޯންޗްކޮށްފި

"ވިޒިޓް މޯލްޑިވްސް އިޔަރ 2027" ފެއާ ރަސްމީކޮށް ލޯންޗްކޮށްފި

4 hours ago - 21:01
Advertisement
Advertisement

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ކުރިއަށްގެންދާ "ވިޒިޓް މޯލްޑިވްސް އިޔަރ 2027" ކެމްޕެއިން ރޭ ރަސްމީކޮށް ލޯންޗްކޮށްފިއެވެ.


މި މުހިންމު ކެމްޕެއިން އިފްތިތާޙުކޮށްފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައި މިހާރު ކުރިއަށްދާ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު އެއް ފެއާ ކަމަށްވާ "ވޯލްޑް ޓްރެވަލް މާކެޓް" (ޑަބްލިއުޓީއެމް) ގެ ތެރެއިންނެވެ.


"ވިޒިޓް މޯލްޑިވްސް އިޔަރ 2027؛ ސެލެބްރޭޓް ދަ ސަނީ ސައިޑް" ގެ ނަމުގައި ކުރިއަށްގެންދާ މި ކެމްޕެއިނަކީ، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ފުރިހަމަކަން ތަޖުރިބާކޮށް، އެ ތަޖުރިބާތައް މުޅި ދުނިޔެއާ ހިއްސާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިންނަށް ދެވޭ ޚާއްޞަ ދަޢުވަތެކެވެ.


ޑަބްލިއުޓީއެމް ފެއާގައި ބޭއްވި ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ކެމްޕެއިން ލޯންޗްކޮށްދެއްވީ، ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީނާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޔާސިރެވެ.


މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، މިއީ ދިވެހިންގެ އަމިއްލަވަންތަކަމާއި، މުއްސަނދި ޘަޤާފަތާއި، މަޝްހޫރު މެހެމާންދާރީގެ އިތުރުން ރާއްޖެއިން ލިބެންހުރި ތަފާތު ތަޖުރިބާތައް ދުނިޔެއަށް ދައްކުވައިދީ، ވިޔަފާރިތަކަށާއި މުޖުތަމަޢުތަކަށް އާ ފުރުޞަތުތަކެއް ފަހިކޮށްދޭނެ ކެމްޕެއިނެއް ކަމަށެވެ.


"ސަނީ ސައިޑް އޮފް ލައިފް މުޅި ދުނިޔެއާއެކު ފާހަގަކުރަމުން، އަންނަ އަހަރަކީ އަބަދުވެސް ހަނދާން އާކުރާނެ ފަދަ ކާމިޔާބު އަހަރަކަށް ވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.


ޑަބްލިއުޓީއެމް އަކީ ދުނިޔޭގެ ޓޫރިޒަމް ސިނާޢަތުގެ އިސްވެރިންނާއި، ޓުއަރ އޮޕަރޭޓަރުން އަދި ބައިނަލްއަޤްވާމީ މީޑިއާތައް އެއްތަނަކަށް އެއްވާ އެންމެ ބޮޑު އެއް މަންސައަށް ވާއިރު، މިފަދަ ހަފުލާއެއްގައި ރާއްޖެއިން މި ކެމްޕެއިން ތަޢާރަފްކުރުމަކީ ރާއްޖޭގެ ޕްރޮމޯޝަނަލް ހަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ސަރުކާރުން މި ބޮޑު ޤައުމީ ކެމްޕެއިން ފަށާފައިވަނީ، 2027 ވަނަ އަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 2.5 މިލިއަނަށް އެރުވުމަށް ކަނޑައަޅާފައިވާ އަމާޒު ޙާޞިލުކުރުމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލާއި، ރާއްޖޭގައި ތަރައްޤީކުރެވެމުންދާ އުމްރާނީ ވަސީލަތްތަކާއެކު މިފަދަ ކެމްޕެއިންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު ދިރުމެއް ލިބިގެންދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement