ފުވައްމުލަކު މަގުހެދުން: ތާރު އަދި އިތުރު ސާމާނު ގެންގޮސްފި
މި މަޝްރޫޢުގެ ދަށުން ފުވައްމުލަކުގެ 52 މަގެއް ޒަމާނީ ފެންވަރަށް ހެދުމަށް ވަނީ ނިންމާފަ
ފުވައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ހިންގަމުން އަންނަ މަޝްރޫއުގެ ތެރެއިން އަލަށް ހަދަމުންދާ މަގުތަކުގައި އެޅުމަށް ބޭނުންވާ ތާރުގެ ޝިޕްމެންޓެއް ފުވައްމުލަކަށް ގެންގޮސްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ޙަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ފުވައްމުލަކުގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
އަމާޒް މީޑިއާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމް.ޓީ.ސީ.ސީން ފުވައްމުލަކުގައި ހިންގާ މަގު ހެދުމުގެ މަޝްރޫގެ ދަށުން 16 މަގެއްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް އެބަދެއެވެ.
އެގޮތުން މަގުތަކައި ވަޅުލަންޖެހޭ ހޮޅިތައް ވަޅުލުމާއި ޖަންގްޝަންތައް ހެދުން ފަދަ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތާރު އެޅުމަށް ބޭނުންވާ އެކިއެކި ސާމާނު އެމް.ޓީ.ސީ.ސީން ފުވައްމުލަކަށް ވަނީ ގެންގޮސްފައެވެ. އެގޮތުން ތާރު މިކްސް ކުރުމަށް ބޭނުންވާ ސާމާނާ ތާރުވެސް މިހާރު ފުވައްމުލަކަށް ގެންސްފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މީގެ އިތުރުން މަގުތަކުގައި އިތުރަށް ވަޅުލަންޖެހޭ ހޮޅިއާ ތާރު އެޅުމަށް ބޭނުންވާ އޭ.ބީ.ސީ ވެސް ވަރަށް އަވަހަށް ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ކުރަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ފުވައްމުލަކުގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ސަރުކާރުން އެމް.ޓީ.ސީ.ސީއާ ހަވާލް ކުރީ 2024 ވަނަ އަހަރުއެވެ.
މި މަޝްރޫއުގެ ދަށުން ފުވައްމުލަކުގެ ހުރިހާ މަގުތަކެއް ހެދުމަށް ނިންމާފައިވާއިރު 52 މަގެއްގައި ތާރު އެޅުމަށް ވާންޖެހޭ އެކިއެކި ތައްޔާރީތައް އެކުންފުނިން ވަމުންދާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ފުވައްމުލަކުގައި ތާރު އަޅައިގެން އެންމެ ފުރަތަމަ ޒަމާނީ ފެންވަރުގެ މަގެއް ހަދާފައިވަނީ 2003 ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަމުގައެވެ. ރާއްޖޭގައި ތާރު އަޅައިގެން ހަދާފައިވާ މަގުތަކުގެ ފެންވަރަށް ބަލާއިރު އެންމެ ރަނގަޅުފެންވަރަކަށް ތާރު އަޅާފައިވާ މަގަކީ ފުވައްމުލަކު ނައިބު ތުއްތު މަގުގައި 2003 ވަނަ އަހަރު އެމް.ޓީ.ސީ.ސީން އަޅާފައިވާ ތާރު މަގުކަން ފަންނީ ބޭފުޅުން އަންނަނީ ފާހަގަ ކުރަމުންނެވެ.
ރިއެކްޝަންސް









