ޕީ.އެސް.އެމްގެ އެމް.ޑީއަކަށް ޝަކީބް
ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރަކަށް ތަޖުރިބާކާރު ޓީވީ ޕްރެޒެންޓަރ އަޙްމަދު ޝަކީބު އައްޔަނު ކުރައްވައިފިއެވެ.
ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މިއަދު އައްޔަން ކުރެއްވި އަޙްމަދު ޝަކީބަކީ ތަޖުރިބާކާރު މަގްބޫލު ޕްރެޒެންޓަރެކެވެ.
ތައުލީމީ ދާއިރާގައި ދިގުމު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އަޙްމަދު ޝަކީބު އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގައެވެ.
ސަރުކާރުގެ ރަސްމީ ވަޒީފާގައި އުޅުއްވަމުން ޕާޓްޓައިމް ވަޒީފާއެއްގެ ގޮތުން ޝަކީބް ވަނީ ވަރަށް ގިނަ ދުވަހު ޓީވީ މޯލްޑިވްސްގައި ޕްރޮގްރާމްތައް ހުށަހަޅުއްވާފައެވެ. މީގެ އިތުރުން ޝަކީބްވަނީ ގިނަ ދުވަސްތަކެއް ވަންދެން ޚަބަރުވެސް ވިދާޅުވެފައެވެ.
ޝަކީބް ހުށަހެޅުއްވި ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ބޮޑަށް މީހުންގެ މަގުބޫލުކަން ލިބުނު އެއް ޕްރޮގްރާމަކީ ރަމަޟާން މަހު ޓީވީ މޯލްޑިވަސްއިން ގެނެސްދޭ ތިޔަބޭފުޅުން ފުރުސަތު އެވެ.
ރިއެކްޝަންސް









