ކައުންސިލް އިންތިޚާބު: ފުވައްމުލަކު ސިޓީގެ އަންހެން 3 ގޮނޑި ދޫޑިގަން، މާލެގަން، ދަޑިމަގު
ނިމެމުން މިދާ ކައުންސިލްގެ ދައުރުގައި ފުވައްމުލަކު ސިޓީގެ އަންހެނުންގެ ޚާއްސަ ކޮށްފައިވާ 2 ގޮނޑިއަކީ ފުނާޑު އަދި ދަޑިމަގު
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލަކު ސިޓީގެ އަންހެނުންނަށް ޚާއްސަ ކޮށްފައިވާ ތިން ގޮނޑި އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ އިންތިޚާބީ ދާއިރާތަކުގެ ތެރެއިން ފުވައްމުލައް ސިޓީ ކައުންސިލަށް އިންތިޚާބު ކުރާ އަށް ކައުންސިލަރުންގެ ތެރެއިން އަންހެނުންނަށް ޚާއްސަ ކޮށްފައިވާ 3 ގޮނޑި ވަނީ އިއުލާން ކުރައްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ގޮތަށް ބަލާއިރު ފުވައްމުލަކުގެ ދޫޑިގަން އަވަށާއި މާލެގަން އަވަށުގެ އިތުރުން ދަޑިމަގު އަވަށަކީ ގާނޫނުގައި ބުނާގޮތުން އަންހުންނަށް ޚާއްސަ ކުރެވިފައިވާ ގޮނޑިތަކެކެވެ. މީގެ ތެރޭގައި ހިމެނޭ ދަޑިމަގު އަވަށަކީ ނިމެމުން މިދާ ކައުންސިލްގެ ދައުރުގައިވެސް އަންހެނުންނަށް ޚާއްސަ ކޮށްފައިވާ ގޮނޑިއެކެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ދާދިފަހުން ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ފުވައްމުލަކުގެ 8 އަވަށުން 8 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. މޭޔަރެއް އިންތިޚާބު ކުރާނެއެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށްވެސް ކޮންމެ އަވަށަކުން އެއް މެންބަރަކާއި އަންހެނުންގެ ކޮމެޓީގެ ރައީސާގެ މަގާމަށް މުޅިރަށަށް ހުޅުވާލައިގެން އިންތިޚާބު ކުރާނެއެވެ. މީގެ ތެރެއިން ގާނޫނަށް ގެނައި ބަދަލުތަކާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނަކީ ޕާޓްޓައިމް ބައެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި އެ ކޮމެޓީގެ ރައީސާގެ މަގާމަކީ ފުލްޓައިމް މަގާމެއްގެ ގޮތުގައި ވަނީ ގާނޫނަށް އިސްލާހުތަކެއް ގެނެސްފައެވެ.
ފުވައްމުލަކު ސިޓީގެ އަވަށްތަކަށް އިންތިޚާބު ކުރާ ކައުންސިލަރުންގެ ތެރެއިން ކަނބަލުންނަށް ޚާއްސަ ކުރެވިފައިވާ ގޮނޑިތަށް ކަށަވަރު ވުމާއެކު އެންމެ ބޮޑު ދެޕާޓީން އެދާއިރާތަކަށް ވާދަކުރާނެ ކެނޑިޑޭޓުން ވަނީ އެކަން ރަސްމީކޮށް އިއުލާންކޮށް ތާއިދު ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ސަރުކާރުގެ ބޮޑު މެޖޯރިޓީއެއް މިހާރުވެސް އޮތް ފުވައްމުލައް ސިޓީގެ ހުރިހާ ގޮނޑިއެއް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ނަގާނެކަމަށް އެ ސޓީގެ ގިނަ ރައްޔިތުން އަންނަނީ ބުނަމުންނެވެ.
ރިއެކްޝަންސް