މަޖިލިސް ރައީސާއި ވަޒީރުން އަދި ކައުންސިލަރުންގެ އިނާޔަތްތައް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

މަޖިލިސް ރައީސާއި ވަޒީރުން އަދި ކައުންސިލަރުންގެ އިނާޔަތްތައް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

1 hour ago - 08:43

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ޚާއްޞަ އެލަވަންސެއް ކަނޑައެޅުމަށާއި، ވަޒީރުންނަށް ލިބިވަޑައިގަންނަވާ ކާރު އެލަވަންސް އިތުރުކުރުމުގެ އިތުރުން ރަށްރަށުގެ ކައުންސިލަރުންނަށް ސާވިސް އެލަވަންސެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.


މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މި މަގާމުތަކުގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެނައުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. މި ބަދަލާ ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި، މަޖިލީހުގެ މެންބަރުންނަށް ކޮމިޓީ އެލަވަންސް ލިބުނު ނަމަވެސް މަޖިލީހުގެ ރައީސަކީ ކޮމިޓީތަކުގައި ބައިވެރިވެވަޑައިނުގަންނަވާތީ އެ އެލަވަންސް ލިބިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އެހެންކަމުން މަޖިލިސް ރައީސަށް ލިބިވަޑައިގަންނަވާ އާމްދަނީ، ނައިބު ރައީސާއި އާންމު މެންބަރުންނަށްވުރެ ކުޑަކަން ވަނީ ފާހަގަކޮށްފައެވެ.
މިހާރު މުސާރައާއި އެލަވަންސް ލިބޭގޮތް:

މަޖިލިސް ރައީސް: 73،125 ރުފިޔާ
މަޖިލިސް ނައިބު ރައީސް: 91،000 ރުފިޔާ (މުސާރައާއި އިނާޔަތްތަކާއެކު)
މަޖިލިސް މެންބަރުން: 82،500 ރުފިޔާ (މުސާރައާއި އިނާޔަތްތަކާއެކު)

މި ފަރަގު ކުޑަކުރުމުގެ ގޮތުން ކޮމިޓީން ފާސްކުރީ މަޖިލިސް ރައީސަށް 22،000 ރުފިޔާގެ އެލަވަންސެއް ހަމަޖެއްސުމަށެވެ. މި ބަދަލާއެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު ޖުމުލަ 95،125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
ވަޒީރުންގެ ކާރު އެލަވަންސް ބޮޑުކުރުން
ވަޒީރުންގެ މުސާރައަށް ބަލާއިރު މިހާރު ލިބިވަޑައިގަންނަވާ 58،500 ރުފިޔާއަކީ ދައުލަތުގެ މުސްތަގިއްލު އެހެން މަގާމުތަކާއި، ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ލިބޭ މުސާރައަށްވުރެ ކުޑަ އަދަދެއްކަން ކޮމިޓީން ފާހަގަކުރިއެވެ. މިގޮތުން މުސްތަގިއްލު ބައެއް މަގާމުތަކަށް 74،000 ރުފިޔާ އަދި މުއައްސަސާތަކުގެ ރައީސުންނަށް 59،000 ރުފިޔާ ލިބެއެވެ.
މިކަމަށް ހައްލެއް ގެނައުމަށްޓަކައި މާލިއްޔަތު ކޮމިޓީން ނިންމީ ވަޒީރުންގެ ކާރު އެލަވަންސް ޕެކޭޖު 17،000 ރުފިޔާއަށް ބޮޑުކުރުމަށެވެ. ކުރިން މި ޕެކޭޖަށް ލިބެމުން ދިޔައީ ޖުމުލަ 7،500 ރުފިޔާއެވެ. އަލަށް ގެނައި ބަދަލުތަކަކީ:

ޕެޓްރޯލް އެލަވަންސް: 2،000 ރުފިޔާ (ކުރިން 1،000 ރުފިޔާ)
ޑްރައިވަރުގެ އެލަވަންސް: 12،000 ރުފިޔާ (ކުރިން 6،500 ރުފިޔާ)
ޑްރައިވަރުގެ ލިވިންގ އެލަވަންސް: 3،000 ރުފިޔާ (އަލަށް އިތުރުކުރެވުނު)

ކައުންސިލަރުންގެ މުސާރައަށް 5،000 ރުފިޔާގެ އިތުރުވުމެއް
މީގެއިތުރުން ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި، ނައިބު ރައީސުން އަދި މެންބަރުންނަށް ސާވިސް އެލަވަންސެއްގެ ގޮތުގައި މަހަކު 5،000 ރުފިޔާ ދިނުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
މި ނިންމުމާއެކު ރަށު ކައުންސިލްތަކުގެ މުސާރައަށް އަންނާނެ ބަދަލުތައް:

ކައުންސިލްގެ ރައީސް: 30،500 ރުފިޔާއަށް
ކައުންސިލްގެ ނައިބު ރައީސް: 25،000 ރުފިޔާއަށް
ކައުންސިލް މެންބަރުން: 23،000 ރުފިޔާއަށް

މާލިއްޔަތު ކޮމިޓީން މި ބަދަލުތައް ފާސްކޮށްފައިވާއިރު، މި ނިންމުންތަކަށް ފުރިހަމައަށް އަމަލުކުރަން ފެށޭނީ މަޖިލީހުގެ ތަޅުމުން މި ރިޕޯޓު ފާސްކުރުމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow