ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން މުއާޒް ޙަލީމް އިސްތިއުފާ ދެއްވައިފި
ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން މުއާޒް ޙަލީމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މުއާޒް މިކަން ހާމަކުރެއްވީ މިއަދު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ މަޤާމުން އިސްތިއުފާ ދެއްވިކަން އިޢުލާނު ކުރެއްވީ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުންނެވެ.
އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން މުއާޒް ވިދާޅުވީ، ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރެއްވުމަށް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅުތަކަށް އެއްބާރުލުން ދިނުމަކީ މި ވަގުތު މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށެވެ. އަދި ފުރިހަމަ ނަތީޖާ ޙާޞިލްކުރެވޭ ފަދަ ޕާޓީއަކަށް ޕީއެންސީ ހެއްދެވުމަށް ރައީސް ކުރައްވާ މަސައްކަތުގައި އެހީތެރިވުމަކީ އޭނާގެ މަޤްޞަދެއް ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން މުއާޒް ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ ވަރަށް ބޮޑަށް ވަގުތު ދޭންޖެހޭ މަޤާމަކަށް ވީއިރު، އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު އެ މަޤާމުގައި ހުރުމަކީ ޕާޓީއަށް އެންމެ ފައިދާހުރި ގޮތް ކަމަށް ފެންނާތީ މިއަދުން ފެށިގެން މަޤާމުން އެކަހެރިވެވަޑައިގަތީ ކަމަށެވެ.
ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. އެ ޕާޓީގައި މިހާރު 74,000 އަށްވުރެ ގިނަ މެންބަރުން ތިބިއިރު، ޕާޓީގެ ލީޑަރޝިޕްގައި 7 ނައިބު ރައީސުންނާއި 10 ލީޑަރޝިޕް މެންބަރުން ހިމެނެއެވެ.
މި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ހިމެނިވަޑައިގަންނަވާއިރު، ޕީއެންސީގެ ހިންގުން ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
ރިއެކްޝަންސް

