ދަރަނި ދެއްކީ އެއްވެސް ހަރުމުދަލެއް ނުވިއްކައި: ރައީސް ޑރ. މުއިއްޒު

ދަރަނި ދެއްކީ އެއްވެސް ހަރުމުދަލެއް ނުވިއްކައި: ރައީސް ޑރ. މުއިއްޒު

8 hours ago - 22:17

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާ)، ރާއްޖޭގެ އެއްވެސް ހަރުމުދަލެއް ނުވިއްކައި މި ސަރުކާރުން ދައްކައި ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.


މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި އއ. އަތޮޅުގެ ތިން ރަށަކުން ޕީއެންސީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ފައިސާ ދެއްކީ އިތުރު ބޮޑެތި ދަރަނިތައް ނުނަގައި، ގައުމުގެ އިގްތިސާދުގައި ހުރި އަމިއްލަ ބާރުވެރިކަމުގައި ކަމަށެވެ.


ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ސުކޫކް ދެއްކުމާއެކު ކުރީ ސަރުކާރުން ރަހުނުކޮށްފައި އޮތް ރާއްޖޭގެ ހަތަރު މުހިންމު ބިމަކާއި އިމާރާތެއް ވަނީ ސަލާމަތް ކުރެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ދަރުމަވަންތަ ހޮސްޕިޓަލް
  • ފިނޭންސް މިނިސްޓްރީގެ އިމާރާތް
  • އައިޖީއެމްއެޗް ހުރި ބިން
  • އިސްކަންދަރު ސްކޫލް ހުރި ބިން

"އިރާދަކުރެއްވީތީ އަޅުގަނޑުމެން އެކަން ކުރިން، އެކަން ކުރީ އަޅުގަނޑުމެންގެ އިގްތިސާދުގައި ހުރި އަމިއްލަ ހަކަތައިން، އިތުރު ބޮޑެތި ދަރަނިތައް ނުނަގައި،" އިންތިހާބުގެ ނަތީޖާއަށް ފަހު ފުރަތަމަ ފަހަރަށް ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.


ސުކޫކަށް ފައިސާ ނުދައްކާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، އެ ފައިސާ ދެއްކިކަމުގެ ލިޔެކިޔުންތައް މަރުކަޒީ ބޭންކް (އެމްއެމްއޭ) އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ފެންނަން ހުންނާނެ ކަމަށެވެ.


ރައީސް އިތުރަށް ވިދާޅުވީ، ބައެއް ތަންތަން ރަހުނުކޮށްފައި ނަގާފައިވާ އިތުރު ލޯކަލް ސުކޫކްތަކެއް ވެސް އެބަހުރި ކަމަށާއި، އެ ތަންތަން ވެސް ސަލާމަތް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުން ވާރުތަވި ބޮޑެތި ދަރަނިތައް ދައްކައި، އިގްތިސާދު ރަނގަޅު މަގަށް ގެނައުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow