މުވައްޒަފުން ވަޒީފާއިން ވަކިކޮށް އިހާނަތިކޮށް ހިތުމަކީ އެމްޑީޕީގެ ސިފައެއް: މެންބަރު ލަޠީފު

މުވައްޒަފުން ވަޒީފާއިން ވަކިކޮށް އިހާނަތިކޮށް ހިތުމަކީ އެމްޑީޕީގެ ސިފައެއް: މެންބަރު ލަޠީފު

50 minutes ago - 13:02

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެއްވެސް މުވައްޒަފަކު ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ވަޒީފާއިން ވަކިނުކުރާނެ ކަމަށާއި، ވަޒީފާއިން ވަކިކޮށް އިހާނަތިކޮށް ހިތުމަކީ އެމްޑީޕީގެ ސަރުކާރުތަކުން ކަންކަން ކުރާ އުސޫލު ކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފު މުޙައްމަދު ވިދާޅުވެއްޖެއެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރު ކުންފުނިތައް ރައިޓް-ސައިޒް ކުރުމުގެ ނަމުގައި ސިޔާސީ ގޮތުން މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުން ލަޠީފު ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރަށްރަށުގެ ކަތީބުންނާއި އަތޮޅު އޮފީސްތަކުގެ މުވައްޒަފުންނަށް ބޮޑެތި އިހާނެތިކަންތައްތަކެއް ކުރިމަތިކުރުވި ކަމަށެވެ.


އެގޮތުން، އާ ޤާނޫނުއަސާސީގެ ދަށުން އެމްޑީޕީއަށް ވެރިކަން ލިބުމާއެކު ކަތީބުން އެހެން ރަށްރަށަށް ބަދަލުކޮށް، ގިނަ ބަޔަކު ވަޒީފާއިން ވަކިކުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ޤާނޫނާ ޚިލާފަށް ޕްރޮވިންސް އޮފީސްތައް އުފައްދައި، އަތޮޅު އޮފީސްތަކުގެ މުވައްޒަފުންނަށް ތުރާލާއި ދަތިތައް ކުރިމަތިކުރި ކަމަށްވެސް ލަޠީފު ވިދާޅުވިއެވެ.


"އާ ޤާނޫނުއަސާސީ ވުޖޫދަށް އައުމަށްފަހު އެމްޑީޕީ ވެރިކަމަށް އައިސް، އެއިރު ރަށްރަށުގައި ތިބި ކަތީބުން ރަށްރަށަށް ބަދަލުކޮށް އަތޮޅު އޮފީސްތަކުގައި ތިބި ސެކްރެޓަރީން އެހެން ތަންތަނަށް ބަދަލުކޮށް، ބަދަލުކޮށްގެން ނުވެގެން ވަޒީފާއިން ވަކިކުރީ،" މެންބަރު ވިދާޅުވިއެވެ.


ލަޠީފު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ އެއްވެސް މީހަކު ނުހައްގުން ވަޒީފާއިން ވަކިނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ކަމަށާއި، މިހާތަނަށް ސަރުކާރުން އަމަލުކުރަމުންދަނީ އެ ވައުދާ އެއްގޮތަށް ކަމަށެވެ. އަދި 2018 އިން 2023 އަށް އޮތް އެމްޑީޕީގެ ސަރުކާރުގައި ވަޒީފާއިން ވަކިކުރި މީހުންގެ ލިސްޓުތައް ޕީއެންސީގައި އެބަހުރި ކަމަށާއި، އެއިރު އެމީހުންނަށް އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން އެހީތެރިކަން ފޯރުކޮށްދިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


ސަރުކާރުގެ ކުންފުނިތައް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގައިވެސް ރައީސް ޑރ. މުޢިއްޒު އިސްކުރައްވަނީ ރަހުމްވެރިކަން ކަމަށް ލަޠީފު ފާހަގަކުރެއްވިއެވެ. އެގޮތުން ކުންފުނިތަކުން އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ތިން މަސްދުވަހުގެ މުސާރަ ލިބޭނެ ފުރުސަތު ހުޅުވާލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.


މެންބަރު ލަޠީފު ވާހަކަފުޅު ނިންމަވާލެއްވީ، އެމްޑީޕީގެ ވެރިކަންތަކުގައި އެތައް ބަޔަކު މަގުމަތިކުރުމަށްފަހު، މިހާރު އެހެން ބައެއްގެ ބޮލުގައި އެ އިލްޒާމު އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވަމުންނެވެ. އަދި މި ސަރުކާރުން ހުރިހާ ކަމެއްވެސް ކުރާނީ ޤާނޫނާއި ޤަވާއިދުގެ އިމުގެ ތެރެއިންކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow