ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އޮފިޝަލުން ހޯދަން ފަށައިފި
އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، މި އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ކޮމިޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިގޮތުން ހުޅުވާލާފައިވާ މަޤާމުތަކުގެ ތެރޭގައި ވޯޓުލާ މަރުކަޒުގެ ވެރިޔާއާއި، ވެރިޔާގެ އެހީތެރިންނާއި، އޮފިޝަލުންގެ އިތުރުން ރިޒާވް އޮފިޝަލުން ހިމެނެއެވެ.
މި އިންތިޚާބުގައި މަސައްކަތްކުރާ އޮފިޝަލުންނަށް ކަނޑައަޅާފައިވާ އުޖޫރަތަކަށް ބަލާއިރު، ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 2,200 ރުފިޔާ، ވެރިޔާގެ އެހީތެރިންނަށް 1,900 ރުފިޔާ، އޮފިޝަލުންނަށް 1,800 ރުފިޔާ އަދި ރިޒާވް އޮފިޝަލުންނަށް 1,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އޮފިޝަލުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވުމާއި، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް ފުރަަމުންދާ މީހަކަށް ނުވުން ހިމެނެއެވެ. އިންތިޚާބަށް ހޮވޭ އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް އަންނަ ޖޫން މަހުގެ 1 އިން 3 އަށް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނީ، އޮފިޝަލަކަށް ވުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ކަމަށެވެ. އެހެންކަމުން ޝައުޤުވެރިވާ ފަރާތްތަކުން އެ ތާރީޚުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. ހިތަދޫ އުތުރު ދާއިރާގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން އޮންނާނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ.
ރިއެކްޝަންސް

