ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގައި ސިނާން ވާދަކުރައްވަނީ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓު ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް، މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.
ސިނާން މިކަން ހާމަކުރެއްވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އޭނާ ވަނީ ބައި-އިލެކްޝަން ކާމިޔާބުކުރުމަށްޓަކައި ޕީއެންސީގެ މެމްބަރުންގެ ފުރިހަމަ ތާއީދާއި އިހުލާސްތެރި އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.
ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމް ކުރީ، އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، އެ ފައިސާ ދައްކާފައި ނުވާތީއެވެ. ޣާލިބް ސަލީމް ނަމަކަށް ކިޔާ މީހަކު ހުށަހެޅި މި މައްސަލައަކީ، ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، އޮކްޓޫބަރު 2024 ގައި ކުރި ހުކުމާ އެއްގޮތަށް ނުދައްކާ އޮތް މައްސަލައެކެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުތަކާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، މަޖިލިހުގެ ގޮނޑިއެއް ހުސްވާތާ ފަސް ދުވަހުގެ ތެރޭގައި ބައި-އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލަން ޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މި ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އެހެން ބޭފުޅުންގެ ތެރޭގައި، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން، މީގެ ކުރިން 2013 އަދި 2019 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރެއްވި އަހުމަދު ސައީދު (ނަޔާ) އާއި މުހައްމަދު އަލީ ވެސް ވަނީ މި ގޮނޑިއަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ޕީއެންސީގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 19 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.
ރިއެކްޝަންސް

