ވިތުހޯލްޑިން ޓެކްސް ބޮޑުކުރުމަކީ ދިވެހި ވިޔަފާރިތަކަށް ލިބޭނެ ރައްކާތެރިކަމެއް: މެންބަރު އިއްބެ

ވިތުހޯލްޑިން ޓެކްސް ބޮޑުކުރުމަކީ ދިވެހި ވިޔަފާރިތަކަށް ލިބޭނެ ރައްކާތެރިކަމެއް: މެންބަރު އިއްބެ

6 hours ago - 22:29

ރާއްޖޭގައި ވަޒަންވެރިނުވާ އަދި މިތަނުގައި މަސައްކަތްކުރާ ބޭރުގެ ކުންފުނިތަކުން ނަގާ ވިތުހޯލްޑިން ޓެކްސްގެ ރޭޓު ބޮޑުކުރުމަކީ ދިވެހި ވިޔަފާރިތަކާއި ބިދޭސީ ވިޔަފާރިތަކުގެ މެދުގައި ހަމަހަމަކަން ގާއިމުވެ، ދިވެހި ވިޔަފާރިތަކަށް އިތުރު ހިމާޔަތާއި ރައްކާތެރިކަން ލިބިގެންދާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ވިދާޅުވެއްޖެއެވެ.


އާމްދަނީން ޓެކްސް ނެގުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރައްވަމުން މެންބަރު އިބްރާހީމް ވިދާޅުވީ، މިހާރު ގާނޫނު އޮތް ގޮތުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ކުންފުނިތަކުން ދައްކާ ޓެކުހަށްވުރެ ދިވެހި ކުންފުނިތަކުން ދައްކަންޖެހޭ ޓެކްސް އެތައް ގުނައެއް ބޮޑު ކަމަށެވެ. އަދި ސައްތައިން ސައްތަ ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައިނުދެވިއްޖެނަމަ، އޭގެ ސަބަބުން ދިވެހި ވިޔަފާރިތައް ބަލިކަށިވެ ހީނަރުވެދާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.


ސަރުކާރުން މިހާރު ހުށަހަޅާފައިވަނީ ވިތުހޯލްޑިން ޓެކްސް ފަސް އިންސައްތައިން ދިހަ އިންސައްތައަށް ބޮޑުކުރުމަށެވެ. މި އިސްލާހަށް އަލިއަޅުއްވާލައްވަމުން މެންބަރު ވިދާޅުވީ، މިއީ ދިވެހި ވިޔަފާރިވެރިން އުފަލާއެކު މަރުހަބާ ކިޔާނެ، އަދި ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދޭނެ ނިންމުމެއް ކަމަށެވެ. މީގެއިތުރުން، މި ޓެކުހަކީ ރާއްޖޭގައި ރަޖިސްޓްރީނުކޮށް ހިންގާ ބޭރުގެ ފަރާތްތަކުން ނަގާ ޓެކުހަކަށް ވާތީ، މީގެ ސަބަބުން ދިވެހި އެއްވެސް ވިޔަފާރިއަކަށް ނުވަތަ އާންމު ރައްޔިތަކަށް އުފުލަންޖެހޭ އެއްވެސް ތަކުލީފެއް ނޯންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.


ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރު އިބްރާހީމް ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުން އުފައްދާފައިވާ ބޮޑެތި ދަރަނިތަކުން އަރައިގަތުމަށްޓަކައި ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެ އިސްލާހީ ފިޔަވަޅުތައް އަޅަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި މިފަދަ ފިޔަވަޅުތައް ނާޅައިފިނަމަ ދެން އޮންނާނެ ހަމައެކަނި ގޮތަކީ އިތުރަށް ބޭރުން ދަރަންޏަށް ފައިސާ ނަގައި ގައުމު ބޮޑު ދަރަންޏެއްގެ ތެރެއަށް ވައްޓާލުން ކަމަށްވާއިރު، މި ގެންނަ ބަދަލަކީ ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު އެޅޭ ވަރަށް ހަރުދަނާ ރަނގަޅު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން، ރާއްޖޭގެ އިގުތިސާދުގެ މައި ދެ ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއާއި އިމާރާތްކުރުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ފުރިހަމަ ގާބިލުކަން ހުރި ގިނަ ދިވެހި ކުންފުނިތަކެއް މިހާރު އެބަތިބި ކަމަށާއި، އެފަދަ ފަރާތްތަކަށް އިސްކަންދީ، އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަކީ ގައުމުގެ ކުރިމަގަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow