ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް އޮތް ހަމައެކަނި މަގަކީ 2028 ރައީސް މުއިއްޒަށް ކާމިޔާބުކޮށްދިނުން: އަބްދުއްރަހީމް
ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި، ހަމަޖެހުމާއި، ރައްކާތެރިކަމުގެ އިތުރުން ގައުމަށް ފުރިހަމަ ތަރައްގީ ގެނެސްދިނުމަށްޓަކައި އޮތް ހަމައެކަނި މަގަކީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، މިހާރު ހިނގަމުންދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރު ދެމެހެއްޓުމަށް ބައިވެރިވުމަށާއި، ކުރިއަށް އޮތް 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމުގެ މަގުސަދުގައި ޕީއެންސީ އާއި އަދާލަތު ޕާޓީއާ ދެމެދު ސިޔާސީ ކޯލިޝަން އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އަސާސްތައް ނަގަހައްޓައި ދިފާއުކުރުމުގެ މަތިވެރި މަގުސަދުގައި އުފެދި، ރާއްޖޭގެ ސިޔާސީ މައިދާނުގައި މިވަގުތު އޮތް އެންމެ ދުވަސްވީ އެއް ސިޔާސީ ޕާޓީ ކަމުގައިވާ އަދާލަތު ޕާޓީން މި ސަރުކާރާ ގުޅުމަކީ ވަރަށް ތާރީހީ އަދި މުހިންމު ނިންމުމެއް ކަމަށެވެ. އަދި މިއީ ދިވެހި ލޮބުވެތި ރައްޔިތުންގެ ހިތްތަކުގައި ރައީސް ޑރ. މުއިއްޒުގެ ސަރުކާރާއި އެމަނިކުފާނުގެ ހިންގުންތެރިކަމަށް އޮތް އިތުބާރާއި ޔަގީންކަން ވަރަށް ސާފުކޮށް ހާމަވެގެންދާ ކަމެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ގައުމުގެ މިހާރުގެ ސިޔާސީ މަސްރަހަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ ގޮތުން ކަންކަމާމެދު ވަހުމާއި ޝައްކު އުފައްދައި، އެފަދަ ވިސްނުންތަކުގައި ބަޔަކު ތިބި ކަމުގައި ވިޔަސް، ދިވެހި ގައުމުގެ ބޮޑު އަގުލަބިއްޔަތާއި ގައުމުގެ ހެވަށް އެދޭ ބުއްދިވެރިން ތިބީ ރައީސް ޑރ. މުއިއްޒުގެ ހަރުދަނާ ސިޔާސަތުތަކަށް ފުރިހަމައަށް ތާއީދުކޮށް، އެމަނިކުފާނުގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ކަމަށެވެ.
މީގެއިތުރުން، އަދާލަތު ޕާޓީއާ އެކު މިއަދު ސޮއިކުރެވިގެންދިޔަ މި އެއްބަސްވުމަކީ ސަރުކާރުގެ ދަތުރަށް ލިބުނު ބޮޑު ބާރެއް ކަމަށާއި، މި އިއްތިހާދާއެކު ސަރުކާރުން ކުރިއަށްދާނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި އިތުރު ހިތްވަރަކާއި ސާބިތުކަމާއެކު ކަމަށްވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
ރިއެކްޝަންސް

