އަމިއްލަ އެދުމުގެ އިންތިހާ: ކުރީގެ ތިން ރައީސުންނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

އަމިއްލަ އެދުމުގެ އިންތިހާ: ކުރީގެ ތިން ރައީސުންނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

16 hours ago - 10:21

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ކަމަށް ވިދާޅުވެ ކުރީގެ ތިން ރައީސުން ބޭއްވެވި ބައްދަލުކުރެއްވުމަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ހޫނު ރައްދެއް ދެއްވައިފިއެވެ.


ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގެ ފޮޓޯއެއް ހިއްސާކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ އެ ތިން ބޭފުޅުންގެ ވެރިކަމުގައި ގައުމަށް ދީފައިވާ ގެއްލުންތަކުގެ ދިގު ލިސްޓެއް ހާމަކުރައްވާފައެވެ.


އަބްދުއްރަހީމް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ވިއްކާލުމާއި، ދިރާގާއި ފެންކުންފުނީގެ ހިއްސާ ވިއްކާލުމާއި، ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި، ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުން ހިމެނެއެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި، ސިޔާސީ ލީޑަރުން ހައްޔަރުކުރުމާއި، ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލުމާއި، ވެންޓިލޭޓަރުގެ ވައްކަމުގެ އިތުރުން އެމްޑީއެންގެ ރިޕޯޓުގެ މައްސަލަވެސް އޭނާ ލިސްޓު ކުރެއްވިއެވެ.


މި ކަންކަމަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، މިހާރު މި ހުރިހާ ކަމެއްވެސް އެ ތިން ރައީސުންނަށް "އޯކޭ" ވެފައިވާ ކަމަށެވެ.


"މީ އަދި ކުޑަ މިންވަރެއް. ކުރިން ކީ ހުރިހައި ޅެމެއް ފަރިއްސަށްވެ ނިމުނީ. އަމިއްލަ އެދުމުގެ ވެސް މީ އިންތިހާ،" އަބްދުއްރަހީމް ވިދާޅުވިއެވެ.


އަބްދުއްރަހީމް ފާހަގަކުރެއްވި ކަންކަމަށް ބަލާއިރު، އެއާޕޯޓާއި ދިރާގުގެ ހިއްސާ ވިއްކާލުމާއި، ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި ގާޒީ ހައްޔަރުކުރުމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ހިނގާދިޔަ ކަންކަމެވެ. އަދި ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ މައްސަލައާއި، ސިޔާސީ ލީޑަރުންނާއި ފަނޑިޔާރުން ޖަލަށްލީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. ހަމައެހެންމެ، ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައާއި، ކޮވިޑް ތެރޭގައި ހިންގި ވެންޓިލޭޓަރުގެ ވައްކަމާއި އެމްޑީއެންގެ މައްސަލަ ކުރިމަތިވީ ރައީސް ޞާލިޙްގެ ވެރިކަމުގައެވެ.


އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިއުންތައް އަމާޒުކުރަމުންދާ މި ދަނޑިވަޅުގައި، މަޖިލީހުގެ ރައީސް މިވަނީ ކުރީގެ ތިން ރައީސުންގެ އަމަލުތަކަކީ ހަމައެކަނި އަމިއްލަ އެދުމަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow