ތިނަދޫ ސިޓީގެ މާލޭ ކެމްޕެއިން އޮފީސް ރަސްމީކޮށް ހުޅުވައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، ތިނަދޫ ސިޓީގެ ގޮނޑިތަކަށްޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ މާލޭ ކެމްޕެއިން އޮފީސް ރަސްމީކޮށް ރޭ ހުޅުވައިފިއެވެ.
މާލޭގައި ގާއިމުކުރި މި ކެމްޕެއިން ޖަގަހަ ރަސްމީކޮށް ހުޅުވައިދެއްވީ، އެކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.
މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާގެ އިތުރުން، ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެ ޕާޓީގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.
މި ހަފްލާގައި، ޕީއެންސީގެ ޓިކެޓުގައި ތިނަދޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓާއި، ކައުންސިލްގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، ކޮންގްރެސް ޕާޓީން އަންނަނީ މާލެއާއި އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި ވަރަށް ފޯރިއާއެކު ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ.
ތިނަދޫ ސިޓީއަކީ ސަރުކާރުން ބޮޑު އިސްކަމެއްދޭ ސިޓީއަކަށްވާއިރު، މި އިންތިހާބުގައި އެ ސިޓީގެ މެޖޯރިޓީ ހޯދުމަކީ ޕީއެންސީގެ މުހިންމު އަމާޒެކެވެ. ރޭ ހުޅުވުނު އޮފީހަކީ މާލޭގައި ދިރިއުޅޭ ތިނަދޫގެ ރައްޔިތުންނަށް އިންތިހާބާ ގުޅޭ މައުލޫމާތު ދިނުމާއި، ކެމްޕެއިން ހަރަކާތްތައް ވިލަރެސްކުރުމަށް ހުޅުވުނު މަރުކަޒެކެވެ.
މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕީއެންސީގެ ފަރާތުން ކެމްޕެއިން ޖަލްސާތަކާއި، ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް ވަނީ ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދައި، ރައީސް ޑރ. މުއިއްޒުގެ ތަރައްގީގެ މަޝްރޫއުތައް ކައުންސިލްތައް މެދުވެރިކޮށް ބާރުދުވެލީގައި ކުރިއަށް ގެންދިއުމެވެ.
ރިއެކްޝަންސް



