އިދިކޮޅު އެމްޑީޕީ މިހާރުވެސް އޮތީ އިންތިޚާބުން ބަލިވެފައި: ފަލާޙް

އިދިކޮޅު އެމްޑީޕީ މިހާރުވެސް އޮތީ އިންތިޚާބުން ބަލިވެފައި: ފަލާޙް

18 hours ago - 10:02

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަށް ބަލާއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީ މިހާރުވެސް އޮތީ މި އިންތިޚާބުން ބަލިވެފައި ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.


ފަލާޙް މިހެން ވިދާޅުވީ، މާލެ ސިޓީގައި ރޭ ހުޅުވި ތިނަދޫ ސިޓީގެ ޕީއެންސީ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އިންތިޚާބުގައި ވާދަކުރާ ޖުމްލަ 1،354 ގޮނޑީގެ ތެރެއިން 450 ގޮނޑިއަށް އެމްޑީޕީއިން ކެންޑިޑޭޓުން ކުރިމަތިލާފައެއް ނުވެއެވެ.

 މިއީ އެ ޕާޓީއަށް ކެންޑިޑޭޓުން ނުލިބުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށާއި، މި އަދަދުތަކަށް ބަލާއިރު އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުމުގެ ކުރިންވެސް އެމްޑީޕީ ބަލިވެފައިވާކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.


ފަލާޙް އިތުރަށް ވިދާޅުވީ، ރާއްޖޭގައި މިހާރު އިދިކޮޅު ޕާޓީއެއް އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވޭ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނަށް ޕާޓީތަކުން ހުށަހަޅާފައިވާ ކެންޑިޑޭސީ ފޯމުތަކުގެ އަދަދަށް ބަލާލުމުންވެސް އެމްޑީޕީއަށް އޮތް ތާއީދު ކުޑަވެފައިވާ މިންވަރު ސާފުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.


މީގެއިތުރުން، ފަލާޙް ވިދާޅުވީ ގައުމެއްގައި ޒިންމާދާރުކަމާއެކު މަސައްކަތްކުރާ އިދިކޮޅު ޕާޓީތަކެއް އޮންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، 2008 ވަނަ އަހަރުން ފެށިގެން އެމްޑީޕީން ރާއްޖޭގެ އިޖްތިމާއީ ފޭރާމާއި، އިގްތިސާދާއި، މުޖުތަމައަށް ދީފައިވާ ގެއްލުންތަކުގެ ސަބަބުން އެ ޕާޓީއަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.


އެމްޑީޕީގެ ފަރާތުން ފަތުރަމުންދާ "ދޮގު ވާހަކަތައް" ތަކުރާރުވުމުގެ ނަތީޖާއެއްގެ ގޮތުން، އެ ޕާޓީއަށް އޮތް ތާއީދު މުޅިން ނެތިގޮސްފައިވާ ކަމަށާއި، ދެން އެ ޕާޓީއަކަށް އަލުން އަނބުރާ ކޮޅަކަށް ނުޖެހޭނެ ކަމަށްވެސް ފަލާޙްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow