މިދިޔަ ސަރުކާރުން ފެށި އެއްވެސް މަޝްރޫއެއް މި ސަރުކާރުން ހުއްޓުވާފައެއް ނުވާނެ: މެންބަރު އިއްބެ
ކުރީގެ ސަރުކާރުތަކުން ފެއްްޓެވި އެއްވެސް މަޝްރޫއެއް މި ސަރުކާރުން ހުއްޓުވާފައެއް ނުވާނެ ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މެންބަރު އިއްބެ ވިދާޅުވީ، ފުވައްމުލަކު ސިޓީގައި ފެށި ހުރިހާ މަޝްރޫއެއް މިހާރު ދަނީ ނިމުމާ ގާތްވަމުން ކަމަށެވެ. އެގޮތުން ދާދި ފަހުން ހުޅުވިގެންދިޔަ އިސްލާމިކް ސެންޓަރަކީ ކުރީ ސަރުކާރުން ފެށި މަޝްރޫޢެއް ނަމަވެސް، މި ސަރުކާރުން ވަނީ އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލާފައި ކަމަށް މެންބަރު އިއްބެ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާގައި ހިމެނޭ މިސްކިތުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، އެ މަސައްކަތްވެސް މިހާރު އޮތީ ނިމުމާ ގާތްވެފައި ކަމަށް މެންބަރު އިއްބެ ވިދާޅުވިއެވެ.
ފުވައްމުލަކުގެ އިންޖީނުގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެންބަރު އިއްބެ ވިދާޅުވީ، އެއީ ވަރަށް ބޮޑު ހޭދައެއް ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއަށް ކުރީ ސަރުކާރުން ބަޖެޓުކޮށްފައިވާ 36 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭކަމަށް ތުހުމަތު ކުރައްވަމުން މެންބަރު އިއްބެ ވިދާޅުވީ، މަޝްރޫއު ނުނިމެނީސް އެ މަސައްކަތަށް ބޭނުންވާ ހުރިހާ ފައިސާއެއް ކުރީ ސަރުކާރުން ވަނީ ދޫކޮށް ނިންމާފައި ކަމަށެވެ.
"މަސައްކަތެއް ހަވާލުކުރެވެނީ ވަކި ގަވާއިދެއްގެ ތެރެއިން. އެޑްވާންސްކޮށް ވަކި ޕަސެންޓެއް ދިނުމަށްފަހު، ދެން ފައިސާ ދޫކުރަމުން ދާނީ މަސައްކަތް ނިމެމުންދާ ވަރަކަށް ބިލް ކުރުމުން. އެހެންނަމަވެސް މި މަޝްރޫއުގެ މަސައްކަތް ނުނިމެނީސް، މަޝްރޫއަށް ކަނޑައަޅާފައިވާ މުޅި ބަޖެޓު ވަނީ ދޫކޮށްލާފައި. މިއީ ކޮރަޕްޝަންގެ އަމަލެއް،" މެންބަރު އިއްބެ ވިދާޅުވިއެވެ.
މެންބަރު އިއްބެ އިތުރަށް ވިދާޅުވީ، މަސައްކަތް ނުނިމި ހުއްޓިފައި އޮތް ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ދަނީ އެ މަޝްރޫއުގެ މަސައްކަތް އަލުން ފަށައި ބާރު ސްޕީޑުގައި ކުރިއަށް ގެންދަމުން ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އިންޖީނުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން މެންބަރު އިއްބެ ދެއްވިއެވެ.
ކުރީގެ އެއްވެސް ސަރުކާރަކުން ފަށާފައިވާ ތަރައްގީގެ މަޝްރޫއެއް މި ސަރުކާރުން ނުހުއްޓުވާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ މިފަދަ ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުން ކަމަށްވެސް މެންބަރު އިއްބެ ވިދާޅުވިއެވެ.
ރިއެކްޝަންސް

